ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރީ މީދުއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރި މީދުއަށް ވަޑައިގެންފިއެވެ.

މާޅޮސްމަޑުލު އުތުރުބުރީގެ ދެރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މީގެ ކުޑައިރުކޮޅެއް ކުރިން މީދޫއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މީދޫ ކައުންސިލާއި އެރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މީދުއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ރ. އަލިފުށްޓަށެވެ. ރައީސުލްޖުމްހޫރިއްޔާ އަލިފުށްޓަށް ކުރައްވާ މި ދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ރ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

އަލިފުށްޓަށް ރައީސުލްޖުމްރިއްޔާ ކުރައްވާ މިދަތުރުފުޅުގައި އެރަށު ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވެސް ހަމަޖެހިފައިވެއެވެ.