ޚަބަރު

ރިޔާސީ ކޮމިޝަނުގެ ތަހުޤީޤަށް ހިންގާ އޮޕަރޭޝަނުގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ


މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން އިއްޔެ ފެށި އޮޕަރޭޝަންގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންގެ ދަށުން މާލެއާއި ހުޅުމާލެއާއި އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސްކޮށްފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ ތަންތަނާއި މީހުން ބަލާފާސްކުރަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ތަންފީޒުކުރުމަށް ކަމަށެވެ.

މި އޮޕަރޭޝަންގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، ފޮރެންސިކް ސަރވިސް ޑިޕާޓްމަންޓާއި، ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ފުލުހުން ބައިވެރިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި އޮޕަރޭޝަން ކުރިއަށް ދާއިރު މާލެއާއި އައްޑޫ ސިޓީގެ އާއްމު ސަލާމަތީ ކަންކަންވެސް ފުލުހުން އިތުރަށް ވަރުގަދަކޮށްފައިވާނެކަމަށް އެސަރވިސުން ވިދާޅުވޭ. ފުލުހުން ވަނީ އެއްވެސް ފަރާތަކުން މި މަސައްކަތަށް އެހީތެރިވެވޭފަދަ މަޢުލޫމާތެއް ދެއްވަން ބޭނުންފުޅުވާނަމަ ފުލުހުންނާ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ފުލުހުން މި އޮޕަރޭޝަން ފަށާފައިމިވަނީ މަރާލާފައިވާ ނޫސްވެރިޔާ ރިޟުވާން އަބްދުﷲ ގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްގައި ހިމެނޭ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވަނިކޮށެވެ.. އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ ބަންދުކުރަންޖެހޭ މީހުން އިންސާފުގެ ތެރެއިން ބަންދު ކުރެވޭނޭކަމުގައި ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ފެށުނީއްސުރެ ވަކަލާތުކުރަމުންއައި އުސޫލު ހަނދާން ނައްތާލައިގެން ނުވާނެކަމަށާއި، ކުށްކުރާ މީހުންނާ ދޭތެރޭގައިވެސް ޢަމަލުކުރަމުންދާނީ އިންސާފުވެރިކަމާއެކު ކަމަށެވެ.

ފުލުހުން މާލެއާއި ހުޅުމާލެއާއި އައްޑޫ ސިޓީގައި ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވާއިރު، ޤައުމީ ދިފާޢި ބާރު، އެމްއެންޑީއެފުން ވަނީ މާލޭގައި ހަތިޔާރާއެކު ހަރަކާތްތެރިވާން ފަށާފައި. ނަމަވެސް އެމްއެންޑީއެފްގެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.