ސިޔާސީ

ރޯދަ އެލަވަންސް ހަމަހަމަ ކުރުމަށް ހުށަހެޅި އިސްލާހު ބަލައިގެންފި


ރަމަޟާން މަހުގެ އިނާޔަތް އެއް ހަމައަކުން ދިނުމަށްޓަކައި ވަޒީފާ އާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަނެފިއެވެ.މިބިލަށް ގިނަ މެމްބަރުން ތާއީދުކުރި ނަމަވެސް އިދިކޮޅު ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.ވަޒީފާއާއި ބެހޭ ގާނޫނަށް ޕީޕީއެމް ދުވާފަރު ދާއިރާގެ މެމްބަރު މުޙައްމަދު އަލީ ހުށައަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން ތިންހާސް ރުފިޔާ ދޭންވާނެކަމަށެވެ. މި އިނާޔަތް ދޭއިރު ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާ އެންމެހައި ފަރާތްތަކަށްވެސް މިބިލްގައިވާ އުސޫލުން އިނާޔަތް ދޫކުރަންވާނެ ކަމަށް މިއިސްލާހުގައި ބުނެފައިވެއެވެ.މިއިސްލާހަށް ތާއީދުކޮށް ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ، ވޭތުވެދިޔަ ރޯދަމަސްތަކުގައި ރޯދަ އެލަވަންސް ތަފާތުކޮށް ދިނުމަށްފަހު މިފަހަރު ހަމަހަމަކޮށް ދިނުމަކީ އުފާވެރިކަމެއްކަމަށެވެ.މި އިސްލާހަށް ތާއީދުކުރިނަމަވެސް ކަންބޮޑުވުން ފާޅުކުރި މެމްބަރުން ވިދާޅުވީ، ރޯދަ އެލަވަންސް ހަމަހަމަ އުސޫލުން ދިނުމަށް ތާއީދުކުރާކަމަށާއި، ނަމަވެސް ރޯދަ މަސް ކައިރިވެފައި ވަނިކޮށް މި އިސްލާހު ހުށައެޅުމުން ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސް ދިނުމަށް ދަތި ވެގެންދާނެކަމަށެވެ.ރޯދަ އެލަވަންސްގެ ގޮތުގައި ދިނުމަށް މިއަހަރު 94 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވެއެވެ. އަދި އެލަވަންސް ހަމަހަމަ އުސޫލުން ދިނުމަށް އިތުރު 36 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެކަމަށް ލަފާކުރެވޭއިރު، ސަރުކާރުން ވަނީ އެފައިސާ މިހާރު ހަމަޖައްސާދެއްވާފައެވެ.ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުގައި ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދޭން ޖެހެނީ މުސާރައިގެ ތިން ބައިކުޅަ އެއް ބައެވެ. ނަމަވެސް ދެހާސް ރުފިޔާ އަށް ވުރެ މަދުން މުސާރަ ލިބޭ މީހުންނަށް ރަމަޟާން މަހުގެ އެލަވަންސަށް ދެހާސް ރުފިޔާ ދޭންޖެހޭ އިރު، މުސާރައިގެ ތިން ބައިކުޅަ އެއްބައި ދިހަ ހާސް ރުފިޔާއަށް ވުރެ ބޮޑުނަމަ، ދޭނީ ދިހަ ހާސް ރުފިޔާކަމަށް ބުނެފައިވެއެވެ.