ދީން

ސަރުކާރުން މިއަހަރު 142 ފަރާތެއް ހައްޖަށް ގެންގޮސްދެނީ


ސަރުކާރުގެ ޚަރަދުގައި މިއަހަރު ސަތޭކަ ސާޅީސް ދެ   ފަރާތަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.އިސް ރައްވެހިންނާއި ބައްދަލްކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، އިސް ރައްވެހިން  އެންމެ ބޮޑަށް ބޭނުންވާނެ އެއް ކަމަކީ ފަރުޟު ހައްޖެއް ވުން ކަމަށެވެ. ނަމަވެސް އެންމެންނަކީ އެފަދަ ތަނަވަސްބަޔަކަށް ނުވުމާއެކު އެ ފަރާތްތަކަށް ސަރުކާރުން ހައްޖަށް ދިއުމުގެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.ސަރުކާރުގެ ޚަރަދުގައި މިއަހަރު ސަތޭކަ ސާޅީސް ދެ  ފަރާތަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، ގައުމުގެ އިގްސާދު ފަހިވެ، ގައުމުގައި ސުލްހަ މަސަލަސްކަން އިތުރުވާނަމަ ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވާ މީހުންގެ އަދަދުތައް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.ރާއްޖޭގެ ހައްޖު ކޯޓާ ދެހާހަށް ސައުދީން ބޮޑުކޮށްދެއްވާފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ކޯޓާއަށް ބެއްލެވުމަށްފަހު، ހައްޖު ކޯޕަރޭޝަނާއި، ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ވީހާވެސް ގިނަ ފަރާތެއް ސަރުކާރު ޚަރަދުގައި ހައްޖަށް ފޮނުވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.