ވިޔަފާރި

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް މިމަހުގެ 19 ވަނަ ދުވަހު ލަންކާގައި


ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް، ސަޓާ އެވޯޑްސް މިމަހުގެ 19 ވަނަ ދުވަހު އޮންނާނެއެވެ. މިއަހަރުގެ ސަޓާ އެވޯޑް ހަފްލާ އޮންނާނީ ސްރީލަންކާގެ އަމާރީ ގާލޭގައެވެ.

ސަޓާގެ ހުރިހާ އިވެލުއޭޝަންތަކެއް މިހާރުވަނީ ނިންމާލާފައެވެ. މިއަހަރުގެ އެވޯޑަށް 700 އަށްވުރެ ގިނަ ނޮމިނޭޝަން ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސިޓީ ހޮޓާ، ރިސޯޓް އަދި ސަފާރީ އުޅަނދުތައް ހިމެނެއެވެ. ސަޓާ އެވޯޑަށް ނޮމިނޭޓް ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ، ސްރީލަންކާ، ބަންޤްލަދޭޝް، ބޫޓާން، ނޭޕާލް އަދި ދިވެހިރާއްޖެއެވެ.

މިއަހަރުގެ ސަޓާ އެވޯޑްސްގެ ޕާޓްނަރުންގެ ގޮތުން 7 ފަރާތެއް ވަނީ ހަމަޖައްސާފައެވެ. ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. 2017 ވަނަ އަހަރު އެވޯޑް ހަފްލާ އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގައި ބާއްވާފައިވާއިރު މިދިޔަ އަހަރު މި ހަފްލާ ބާއްވާފައިވަނީ އިންޑިއާގެ މުމްބާއީގައެވެ. މިއީ ސަޓާ އެވޯޑް ބާއްވާ 4 ވަނަ އަހަރެވެ.

ސަޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ދޭ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.