ޚަބަރު

އދ.ގެ އިންސާނީ ހައްޤުތަކާއި ބެހޭ މަޖިލީހުގެ 42 ވަނަ ސެޝަންގައި ރާއްޖެއިން ފުރިހަމައަށް ބައިވެރިވާނެ


މިހާރު ކުރިއަށްދާ އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 42 ވަނަ ހިއުމަން ރައިޓްސް ކައުންސިލްގެ ސެޝަންތަކުގައި ރާއްޖެއިން ތަޤުރީރުކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖްލީހުގެ 42 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަން ފަށާފައިވަނީ ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ހުންނަ އ.ދ.ގެ މައި މަރުކަޒުގައި އިއްޔެއެވެ. ތިން ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ސެޝަން މި މަހުގެ 27 ވަނަދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިކައުންސިލް ސެޝަންގައިވެސް ދިވެހިރާއްޖެއިން އެކިއެކި އެޖެންޑާ އައިޓަމްގެ ދަށުން ތަޤުރީރުކުރައްވާނެ ކަމަށެވެ. އެގޮތުން ޚާއްސަ އިސްކަމެއް ދީގެން މިޔަންމާގައި ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދޭތެރޭ ހިންގަމުން އަންނަ ލާ އިންސާނީ އަމަލުތައް ހުއްޓުވުމަށް ގޮވާލުމުގެ އިތުރުން، ސީރިއާ އާއި ފަލަސްތީނުގައި ހިނގަމުން އަންނަ އިންސާނީ ޙައްޤުތަކާ ޚިލާފް އަމަލުތައް ހުއްޓުވުމަށް ރާއްޖޭގެ ފަރާތުން ވާހަކަދައްކާނެއެވެ.

މީގެ އިތުރުން އެނުއަލް ޑިސްކަޝަން އޮން އިންޓެގްރޭޝަން އޮފް އަ ޖެންޑަރ ޕަރސްޕެކްޓިވް، ކްލަސްޓަރޑް ޑައިލޮގް އޮން އެންފޯސްޑް އެންޑް އިންވޮލަންޓްރީ ޑިސެޕިއަރެންސަސް އެންޑް ޓްރޫތް، ޖަސްޓިސް އެންޑް ރެޕެޓްރިއޭޝަން އެންޑް އިންޑިވިޖުއަލް އިންޓަރެކްޓިވް ޑައިލޮގް އާއި ވޯކިންގް ގްރޫޕް އޮފް އާބިޓަރީ ޑިޓެންޝަންގެ ދަށުންވެސް ވާހަކަދައްކާނެކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

42 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނަވާނީ، ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު، ޑރ. ހާލާ ޙަމީދެވެ.

ހިއުމަން ރައިޓްސް ކައުންސިލްއަކީ 47 މެންބަރުން ހިމެނޭ، ދުނިޔޭގެ އިންސާނީ ހައްޤުތައް ކުރިއެރުވުމަށް ބާރުއަޅައި އެކަމާ ގުޅޭ އެންމެ އިސް މަޝްވަރާތަކާއި ނިންމުންތައް ނިންމާ މަޖިލީހެވެ.