ވިޔަފާރި

މިދިޔަމަހު މީރާއަށް ލިބުނު އާމްދަނީ ދަށްވެއްޖެ


މިދިޔަމަހު މީރާއަށް ލިބުނު އާމްދަނީ ދަށްވެއްޖެއެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޮގަސްޓްމަހު މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 862 މިލިއަން ރުފިޔާއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 14.8 އިންސައްތަ ދަށް އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 3.4 އިންސައްތަ ދަށް އަދަދެއްކަމަށް މީރާއިން ބުނެއެވެ.

މި އަހަރުގެ އޮގަސްޓުމަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދަށްވެފައިވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީގެ ގޮތުގައި ލިބެންޖެހޭ ބައެއް ފައިސާ، އެ ފައިސާ ދައްކަންޖެހޭ ސުންގަޑިއަށް ދައްކާފައި ނުވާތީ ކަމުގައި މީރާއިން ހާމަކުރެއެވެ.

މިއަހަރުގެ އޮގަސްޓުމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 55.8 އިންސައްތަ ނުވަތަ 481.72 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީޓީ އިންނެވެ. އެއީ 13.3 އިންސައްތަ ނުވަތަ 114.67 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 72.09 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 53.36 މިލިއަން ރުފިޔާ، އެއަރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 52.13 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 88.94 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އޮގަސްޓު މަހު މީރާއިން ބަލައިގަތް ޓެކްސްގެ 30.9 މިލިއަން އަކީ އެމެރިކާ ޑޮލަރުން ލިބުނު އަދަދުކަމަށް އެ އިދާރާއިން ބުނެއެވެ.