ވިޔަފާރި

ހާބަރު ސަރަހައްދުން 2 ފުޑްކޯޓެއް ކުއްޔަށް ދޫކުރަނީ


މާލޭ ހުޅަނގު ހާބަރު ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ ފުޑްކޯޓުތަކުގެ ތެރެއިން ޚިދުމަތް ނުފަށާ ހުރި 2 ތަނެއް ކުއްޔަށް ދިނުމަށް އެސްޓީއޯއިން ޢިއުލާންކޮށްފިއެވެ.

އެސްޓީއޯ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ދެ ފުޑްކޯޓަށް ފުރޮފޯސަލް ހުށައެޅުމުގެ ފުރުސަތު މިމަހުގެ 18 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ދެ ފުޑްކޯޓަކީވެސް 960 އަކަފޫޓުގެ ޖާގައިގެ ތަނެއްކަމަށް އެސްޓީއޯއިން ބުނެއެވެ. ފުޑްކޯޓުތައް ކުއްޔަށް ދޭން ނިންމާފައިވަނީ އަކަފޫޓެއް 53 ރުފިޔާގެ މަގުންނެވެ.

ކޮންމެ ފަރާތަކަށްވެސް 2 ޔުނިޓަށް ފްރޮޕޯސަލް ހުށައެޅޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ބިޑް ކާމިޔާބު ކުރާތާ ހަތް ދުވަސް ތެރޭ އެކަން އެންގުމުން ތިން މަހުގެ ސެކިޔުރިޓީ ދައްކަން ވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ ޔުނިޓު ކުއްޔަށް ދޫކުރާނީ ފަސް އަހަރުގެ މުއްދަތަކަށެވެ. ކުއްޔަށް ދޫކުރާތާ މަހެއްގެތެރޭ ހިދުމަތް ފަށަންވާނެކަމަށްވެސް އެސްޓީއޯގެ އިއުލާނުގައި ވެއެވެ.

މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުގައި 26 ފުޑްކޯޓް ތަރައްޤީކޮށް ހިންގަމުންދާއިރު މި ފުޑް ކޯޓުގައި ބާރަސަތޭކަ ފަސްދޮޅަސް އަކަފޫޓާއި، ނުވަސަތޭކަ ފަސްދޮޅަސް އަކަފޫޓާއި، ފަސްދޮޅަސް އަކަފޫޓުގެ ތަންތަން ހިމެނެއެވެ.