ސިޔާސީ

އޭސީސީގެ ރައީސްއާއި ނާއިބު ރައީސްކަަމަށް ދެ އަންހެނުން


އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސްއާއި ނާއިބު ރައީސްގެ މަޤާމަށްވެސް ދެ އަންހެން ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ.

އޭސީސީގައި މިހާރު ތިއްބެވި ފަސް މެންބަރުންގެ ދައުރު ހަމަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވި ހަތަރު މެންބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ އައްޑޫ ސިޓީ ހިތަދޫ ނެދުންގެ މަރްޔަމް ޝިއުނާކަމަށް އޭސީސީން ވިދާޅުވެއެވެ. އަދި އެ ކޮމިޝަންގެ ނާއިބު ރައީސްކަމަށް ޢައްޔަންކުރައްވާފައިވަނީ ގަލޮޅު ވަޑިނޮޅުގެ ފާޠިމަތު އަނޫލާކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.

އޭސީސީގެ މިދިޔަ ދައުރުގައި އެކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވީ ޙަސަން ލުޠުފީއެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކާގުޅިގެން އޭނާވަނީ މަޤާމުގެ މުއްދަތު ހަމަނުވަނީސް އިސްތިއުފާދެއްވާފައެވެ. އަދި އެންމެ ފަހުން ރައީސްގެ މަޤާމުގައި ހުންނެވީ ކުރިން ނާއިބު ރައީސްގެ މަޤާމުގައި ހުންނެވި މުޢައްވިޒް ރަޝީދެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނަކީ ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަޙުޤީޤުކުރުމަށް 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު 24 ގައި އުފައްދާފައިވާ މުސްތަޤިއްލު ކޮމިޝަނެކެވެ. އެ ކޮމިޝަންގެ މަސައްކަތްކުގެ ތެރޭގައި ކޮރަޕްޝަނުގެ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ ކަމެއްގެ މައްޗަށް ޝައްކުކުރެވިއްޖެނަމަ، އެކަމެއް ބަލައި ތަޙުޤީޤުކުރުން ހިމެނެއެވެ.