ވިޔަފާރި

މޯލްޑިވްސް ބިޒްނަސް އެވޯޑް ލޯންޗްކޮށްފި


މޯލްޑިވްސް ބިޒްނަސް އެވޯޑް ލޯންޗުކޮށްފިއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އަމިއްލަ މާކެޓިން އެންޑް ޕީ.އާރު ކުންފުންޏެއްކަމަށްވާ ބްލޭޒަން އިންކުން ދޭ އެވޯޑެކެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އިޤްތިސާދުގައި ހިމެނޭ އެކި އިންޑަސްޓްރީތަކުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށްދޭ އެވޯޑެކެވެ.

ބިޒްނަސް އެވޯޑް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޞު އިސްމާއިލް ވިދާޅުވީ، އިޤްތިޞާދު ބިނާކުރުމުގައި ވިޔަފާރިތަކުގެ ޙިއްސާބޮޑުކަމަށެވެ. ދައުލަތުގެ ބަޖެޓްގެ 50 އިންސައްތަ އާމްދަނީ ލިބެނީ ވިޔަފާރިތަކުން ދައްކާ ޓެކްސްއިންކަމަށާއި، ރައްޔިތުންނަށް އެތައް ޙިދުމަތްތަކެއް ފޯރުކޮށްދިނުމަށް މި ފައިސާ ބޭނުންކުރާކަމަށެވެ. އެހެންކަމުން ވިޔަފާރިވެރިން ވިޔަފާރިކުރުމަށް އެނަގާ ރިސްކްގެ ސަބަބުން މުޅި އިޤްތިޞާދަށް ފައިދާކުރާކަމަށާއި، ވިޔަފާރިވެރިން ރިސްކް ނެގުމަށް މި ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅާކަމަށެވެ. ވިޔަފާރިތަކުން ރިސްކް ނެގުމަށް ހުރި ހުރަސްތައް ނައްތާލުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑުގެ ބޭނުމަކީ އެ ވިޔަފާރިތަކުން ޤައުމުގެ އިޤްތިސާދަށް އަންނަ ހެޔޮބަދަލާއި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެހެން ވިޔަފާރިތައް ތަރައްޤީވުމަށް ހިތްވަރު ދިނުންކަމަށް ބްލޭޒަން އިންކްއިން މައުލޫމާތުދެއެވެ.

މިއަހަރުގެ ބިޒްނަސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިއަހަރުގެ ބިޒްނަސް އެވޯޑްގައި 5 ދާއިރާއަކުން 26 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބިޒްނަސް އެވޯޑްދޭ 2 ވަނަ އަހަރެވެ.