ސަރުކާރުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާތާ 70 އަހަރުވެފައިވާއިރު އަދިވެސް އެކުންފުނިން ބޭނުންވާމިންވަރަށް ހަކަތަ ފޯރުކޮށްދިނުމުގެ ދާއިރާ ކުރިއަރައިގެން ގޮސްފައިނުވާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާތާ 70 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތައްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން މުޣުނީ ވިދާޅުވީ ގިނަ ދުވަސްވީ ކުންފުންޏެއްކަމުން މުސްކުޅި ޙިޔާލުތައް އަދިވެސް ކޮންމެސް ވަރަކަށް އެބަހުރިކަމަށެވެ. އެހެންނަމަވެސް މިހާރު ސްޓެލްކޯ ކުރިއަރުވާ ޓެކްނޮލޮޖީއަށް އަހުލުވެރި ކުރުމަށް ގިނަ ޕްލޭންތަކެއް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މުޣުނީ ވިދާޅުވީ ނިސްބަތުން ރާއްޖޭގެ ހަކަތަ އުފެއްދުމުގެ ދާއިރާ ފަހަތުގައި އުޅުނުނަމަވެސް އެކަން ހައްލުކުރުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވާކަމަށެވެ.
މީގެ އިތުރުން ފާއިތުވި އަހަރުތަކުގައި މާލޭގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް މާބޮޑު މަސައްކަތެއް ކުރެވިފައި ނުވާކަން ފާހަގަކުރައްވައި މުޣުނީ ވިދާޅުވީ މިކަން ހައްލުކުރުމަށްޓަކައި ސަރުކާރާއި ގުޅިގެން ހައްލުކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާކަމަށެވެ.
މުޣުނީ ވިދާޅުވީ ސްޓެލްކޯ ކުރިއަރުވައި މުސްކުޅި ޙިޔާލު ޒުވާން ކުރުމަށް ކުންފުންޏަށް ބައެއް ބަދަލުތައްވެސް ގެންނަމުންދާކަމަށެވެ. ސަރުކާރުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާތާ 70 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް އެ ސްޓެލްކޯއިން ދަނީ ހިންގަމުންނެވެ. އަދި މިއަދު އިފްތިތާޙު ކުރި ލޯގޯއާއެކު ކުރިއަށްވެސް ގިނަ ކަންތައްތަކެއް ރޭވިފައިވާކަމަށް ސްޓެކްކޯއިން ބުނެއެވެ.