ޚަބަރު

ކަރަންޓު ކެނޑި އައްޑޫ ސިޓީ ކަނު އަނދިރީގައި!


އައްޑޫ ސިޓީ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑި ރައްޔިތުން އަނދިރީގައި ތިބޭތާ ހަތްގަޑިއިރު ވެއްޖެއެވެ.

މިއަދު ހަވީރު 4:45 ން ފެށީގެން އައްޑޫ ސިޓީން ކަރަންޓު ކެނޑުނު މައްސަލައަށް އަދިވެސް ހައްލެއް ނުލިބެއެވެ. ކަރަންޓު ކެނޑިފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުންނެވެ. ކަރަންޓު ނުލިބުމުގެ ސަބަބުން ގިނަބަޔަކު ދަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

މިއަދު އައްޑޫ ސިޓީން އެންމެ ފުރަތަމަ ކަރަންޓު ކެނޑުމުން ގަޑިއެއްގެ ތެރޭގައި އެ މައްސަލަވަނީ 15 ވަރަކަށް މިނެޓަށް ހައްލުވެފައެވެ.

މިކަމާ ގުޅޭގޮތުން ފެނަކައިން ވިދާޅުވީ ކަރަންޓު ކެނޑެން ދިމާވީ އިންޖީނަށް ޖެހުނު މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ.

އައްޑޫ ސިޓީގެ ގިނަ ބަޔަކު މިކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންއަންނައިރު ހޮސްޕިޓަލުންވެސް ދަނީ ކަރަންޓު ކެނޑެމުންނެވެ. އެހެންނަމަވެސް ހޮސްޕިޓަލުން ބެކަޕް ޖެނަރޭޓަރެއްގެ އެހީގައި ދަނީ މެނޭޖް ކުރަމުންނެވެ. މިވަގުތު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައިވެސް ބަލިމީހަކަށް ދަނީ ފަރުވާދެމުންނެވެ.