ވިޔަފާރި

ސީއެންއެންގެ އިންސްޓަގްރާމްކުރަން އެންމެ މަޤްބޫލް ލިސްޓުގައި ސޮނޭވާ ޖާނީ


މަޝްހޫރު ޓީވީ ނެޓްވޯކް، ސީ.އެން.އެންއިން ހޮވި އިންސްޓަގްރާމްކުރަން އެންމެ މަޤްބޫލް ހޮޓާ، ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ސޮނެވާ ޖާނީ ހިމެނިއްޖެއެވެ.

މިލިސްޓުގައި ރާއްޖޭގެ ރިސޯޓަކަށް ހިމެނިފައިވަނީ ހަމައެކަނި ސޮނެވާ ޖާނީއެވެ. މީގެއިތުރުން މި ލިސްޓުގައި ދެން ހިމެނިފައިވާ ބައެއް ތަންތަނަށް ބަލާއިރު އެންމެ ގިނަ ތަންތަން ހިމެނިފައިވަނީ ފްރާންސްގެއެވެ.

ފަރާންސްގެ 3 ތަނެއް މި ލިސްޓްގައި ހިމެނެއެވެ. އޭގެއިތުރުން އޮސްޓްރޭލިއާ، ކެންބޯޑިއާ، ތައިލޭންޑް، އިންޑޮނޭޝިއާ، ބޫޓާން، ކެނެޑާ އަދި މަޑަގަސްކަރައިގެ ބައެއް ތަންތަން ވަނީ ހިމެނިފައެވެ.

މުޅި ދުނިޔެއިންވެސް އެންމެ ގިނައިން އިންސްޓަގްރާމްކުރާ ނުވަތަ އިންސްޓަގްރާމްގައި އެންމެ ހިނގާ ހޮޓަލަކަށް މީގެކުރިންވެސް ރާއްޖޭގެ ރިސޯޓްތައް ވަނީ ހޮވިފައެވެ. އަދި އިންސްޓަގްރާމްކުރުމަށް އެންމެ މަޤްބޫލް ޤައުމުތަކުގެ ލިސްޓުގެ ގަދަ ދިހައެއްގައިވެސް ރާއްޖެ މީގެކުރިން ހިމެނުނެވެ.

ސީއެންއެން ލިސްޓުގައި ހިމެނުނު ސޮނެވާ ޖާނީ ރިސޯޓް ތަރައްގީކޮށްފައިވަނީ ނ. އަތޮޅު މެދުފަރުގައެވެ. ސޮނެވާ ޖާނީ ރިސޯޓްގައި ޖުމްލަ 57 ވިލާ ހުރެއެވެ. އޭގެތެރޭގައި 24 އޯވާވޯޓާ ވިލާ ހިމެނެއެވެ. ފަސް ތަރީގެ މި ރިސޯޓަކީ އެއާޕޯޓުން ފުރައިގެން 30 މިނެޓުން ސީޕްލޭނެއްގައި ދެވޭ ރިސޯޓެކެވެ.