ޚަބަރު

އިތުރު މުއްދަތެއް އިނގިރޭސިވިލާތަށް ދެވިދާނެކަމަށް ޤަބޫލެއްނުކުރޭވޭ: ލޫދްރިއަން


ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާމެދު ގޮތެއް ނިންމުމަށް މިހާރު އޮތް ޙާލަތުގައި އިތުރަށް މުއްދަތު އިތުރުކުރެވިދާނެކަމަށް ޤަބޫލުނުކުރައްވާކަމަށް ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ޖޯން އީވް ލޫދްރިއަން ވިދާޅުވެއްޖެއެވެ.

ރޭޑިއޯއަކަށް ދެއްވި އިންޓަރވިއުއެއްގައި ފަރަންސޭސި ޚާރިޖީ ވަޒީރު ވިދާޅުވީ އޮކްޓުބަރު 31ވަނަ ދުވަހަށް ގޮތެއް ނުނިންމިއްޖެނަމަ ދެން އިތުރަށް ގޮތެއް ކަނޑައެޅުމަށް މިހާރު ކަން ހިނގާ އުސޫލުން ކަންކަންވަމުންދާނަމަ ނުވަތަ ޙަލާތު ބަދަލުނުވާނަމަ މުއްދަތު އިތުރުކުރުމަކީ ވަރަށް ނާދިރުކަމެއްކަމަށެވެ. ފަރަންސޭސި ޚާރިޖީވަޒީރު ވިދާޅުވީ އިނގިރޭސިވިލާތުން ބޭނުންވާގޮތް ވިލާތުގެ އިއްތިޙާދަށް އަންގަންޖެހޭނެކަމަށާއި އެކަން އެންގުމަކީ އިނގިރޭސިވިލާތުގެ ޒިންމާއެއްކަމަށެވެ. މީގެ އިތުރުން، ފަރަންސޭސި ޚާރިޖީވަޒީރު ވިދާޅުވީ ކޮންމެ ތިން މަހަކުން މުއްދަތު އިތުރުކޮށްދިނުމަކީ ވާނެކަމެއް ނޫންކަމަށެވެ.

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުމަށް އެ އިއްތިޙާދުން އެންމެ ފަހުން ކަނޑައަޅާފައިވާ މުހުލަތު އަންނަ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހަށް ހަމަވާއިރު، މިކަމުގައި ދެ ފަރާތުން އެއްބަސްވުމެއް ޤާއިމުކުރެވޭނެކަމާމެދު އުފެދިފައިވާ ސުވާލުތައް މިހާރުވަނީ އިތުރުވެފައެވެ. ޚާއްސަ ގޮތެއްގައި ބޮޑުވަޒީރުކަމާ އަލަށް ޙަވާލުވެވަޑައިގެންނެވި ބޮރިސް ޖޯންސަން މިހާތަނަށް ދައްކަވާފައިވާ ވާހަކަތަކުގެ ސަބަބުން މިކަމުގައި އެއްބަސްވުމެއް ޤާއިމުކުރެވޭނެކަމުގެ އުއްމީދުދަނީ ފަނޑުވަމުންނެވެ.

ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޖޯންސަން އެންމެ ފުރަތަމަވެސް ވިދާޅުވެފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހުގެ ކުރިން ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރާނެކަމަށާއި މިކަމުގައި އެ ޤައުމާއެކު އަލުން މަޝްވަރާތައް ކުރުމަށް ވިލާތުގެ އިއްތިހާދަށް ގޮވާލާކަމަށެވެ. އަދި ވިލާތުގެ އިއްތިޙާދުން މި މަޝްވަރާތަކުގައި ބައިވެރިވުމަށް ދެކޮޅުހަދާނަމަ އެއްބަސްވުމަކާނުލާވެސް ވިލާތުގެ އިއްތިޙާދުން ވަކިވުމަށް އިނގިރޭސިވިލާތުން ތައްޔާރަށް އޮތްކަމަށް ޖޯންސަން ވިދާޅުވިއެވެ.

އެހެންނަމަވެސް، އެއްބަސްވުމަކާނުލާ އެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިކުރުން ހުއްޓުވުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުންވަނީ ބިލެއް ފާސްކޮށްފައެވެ.