ޚަބަރު

އާބާދީއާއި އަޅާ ބަލާއިރު ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެ މާލޭގައި ބައެއް މަސްތުވާތަކެތި ބޭނުންކުރާ މިންވަރު މަތީގައި - ދިރާސާ


އާބާދީއާއި އަޅާ ބަލާއިރު ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެ މާލޭގައި ބައެއް މަސްތުވާތަކެތި ބޭނުންކުރާ މިންވަރު އިތުރުކަން ދިރާސާއަކުން ދައްކައިފިއެވެ.

މިދިރާސާއިން ދައްކާގޮތުގައި މާލޭގައި އެންމެ ގިނައިން ބޭނުންކުރަނީ، ހެރޮއިން އާއި ކެނަބިސްއެވެ.

ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް ރާއްޖެއިން ދަނީ ބައިނަލްއަޤްވާމީ މުޖުތަމާއުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. މި ކާމިޔާބީތަކުގައި ދިވެހި ޒުވާނުންގެ ބޮޑު ހިއްސާއެއް އޮތްއިރު ދިވެހި ޒުވާނުންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ މަސްތުވާތަކެތީގެ ވަބާއެވެ. އެގޮތުން މި ވަބާގައި ޖެހި ދިވެހި އެތައް ޒުވާނުންނެއްގެ ދިރިއުޅުން ބަރުބާދުވެފައިވާއިރު، އިތުރު އެތައް ޒުވާނެއްގެ ދިރިއުޅުން ދަނީ ބަރުބާދުވަމުންނެވެ.

ސައިންސްގެ ތަޙުލީލުތަކުގެ މައްޗަށް ބަރޯސާވެ ރިސަރޗް ހަދަމުންދާ ބައެއްކަމުގައިވާ ދަ ސައިންސް ޑައިރެކްޓުގައި ޝާއިއުކޮށްފައިވާ އާޓިކަލެއްގައިވާގޮތުން ރާއްޖޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ބޭނުންކުރެއެވެ. މާލޭގައި މީހުންގެ ބޭނުން ކުރާ ބޭހާއި މަސްތުވާތަކެތީގެ އަދަދު އަންދާޒާ ކުރުމަށް ހެދި މި ދިރާސާއިން ދައްކާގޮތުން އާބާދީއާއި އަޅާ ބަލާއިރު ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެ ވެރިރަށް މާލޭގައި ބައެއް މަސްތުވާތަކެތި ބޭނުންކުރާ މިންވަރު އިތުރުކަން މިދިރާސާއިން ދައްކައެވެ.

މާލެ ނުވަ ސަރަހައްދަކަށް ބަހާލައި އެ ނުވަ ހިސާބަށް 24 ގަޑިއިރު ތެރޭގައި ބޭރުވި ނަޖިސް ފެން ތަހުލީލުކޮށްގެން ހެދި މި ދިރާސާއިން ދައްކާގޮތުގައި މާލޭގައި އެންމެ ގިނައިން ބޭނުންކުރަނީ، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ހަކުރާއި އާއި ކެނަބިސް ތެލެވެ.

އެ ދިރާސާއިން ދައްކާ ގޮތުން މާލޭގައި އެންމެ ގިނަ މީހުން ބޭނުން ކުރަނީ ކެނަބިސް ތެލެވެ. ދުވާލެއްގެ މައްޗަށް 700 ގްރާމުގެ ކެނަބިސް ބޭނުން ކުރާ ކަމަށް ދިރާސާއިން ދައްކާއިރު އެއީ ދުނިޔޭގެ އެހެން ޤައުމުތަކުގައި އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް ކެނަބިސް ބޭނުން ކުރާ އަދަދާ އެވަރުގެ އަދަދެއް ކަމަށް ދިރާސާގައިވެއެވެ.

މާލޭގައި ދެވަނައަށް އެންމެ ގިނައިން ބޭނުން ކުރަނީ ހެރޮއިން ކަމަށް ދިރާސާއިން ދައްކައެވެ. އެއީ ދުވާލެއްގެ މައްޗަށް 18 ގްރާމެވެ. މި އަދަދަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ހެރޮއިން ބޭނުން ކުރާ މިންވަރާ އަޅާ ބަލާ އިރު ގިނަ އަދަދެއް ކަމަށް ދިރާސާގައިވެެއެވެ. މީގެ އިތުރުން މާލޭގެ ނަޖިސްފެނުން ކޮކެއިން, އެމްފެޓަމިންސް, މެތެމްފެޓަމިން(މެތް) އަދި އެމްޑީއެމްއޭ (އެކްސްޓަސީ) ވަނީ ފެނިފައެވެ.

މި ރިޕޯޓުން ދައްކާގޮތުން ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު، ރާއްޖޭގައި ރާ ބޯ އަދަދުމަދެވެ. މާލޭގައި ދުވާލެއްގެ މައްޗަށް ކޮންމެ 1000 މީހަކަށް 1.3 ލީޓަރުގެ ރާ ނަޖިސް ފެނުގައި ހިމެނޭ ކަމަށްވެސް ދިރާސާއިން ދައްކާއިރު، މިއަދަދު ދުނިޔޭގައި އެވްރެޖްކޮށް އުޅެނީ، ކޮންމެ 1000 މީހަކަށް ހަޔަކާއި 44 ލީޓަރާ ދެމެދުގައެވެ.

މާލޭގައި މަސްތުވާތަކެތި ބޭނުންކުރާ އަދަދު ދައްކުވައިދޭ ރިޕޯޓެއް އާންމުވެފައިވާއިރު، މިރިޕޯޓުން ހާމަވެފައި މިވަނީ ދިވެހި މުޖުތަމަޢުގެ ކުރިއެރުމަށް އެޅިފައިވާ ހުރަހުގެ އެންމެ ބޮޑު ހެއްކެވެ. އެހެންކަމުން މިކަމުން ދިވެހި ޅަ ދަރިން ސަލާމަތް ކުރުމަށް އަޅުގަނޑުމެން އެންމެން ނުކުތުމަކީ ފަރުދީގޮތުން އޮތް ޒިންމާއެކެވެ. އަދި ސަރުކާރާއި އެކި އިދާރާތަކުން މި ކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ކުރެވޭނީވެސް އާންމު ރައްޔިތުންގެ އެއްބާރުލުން ލިބިގެންނެވެ. ފަރުދީގޮތުން ކޮންމެ މީހަކުވެސް މިފަދަ ނޭދެވޭ އަމަލުތަކާ ދެކޮޅަށް ތެދުވެގެންނެވެ.