ޚަބަރު

ޖޭއެސްސީގެ މެމްބަރުކަމަށް އަލްއުސްތާޛު ޢަލީ ޝަރީފް ޢައްޔަން ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމުގެ މަޤާމަށް ހައްދުންމަތި ކަލައިދޫ، އީރާފް އަލްއުސްތާޛު ޢަލީ ޝަރީފް ޢައްޔަން ކުރައްވައިފިއެވެ.

އަލްއުސްތާޛު ޢަލީ ޝަރީފް އަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އައްޔަންކުރާ ފަނޑިޔާރު އިންތިޚާބުކުރުމަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވި ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ރަސްމިއްޔާތެއްގައި ޢަލީ ޝަރީފް، ޖޭއެސްސީގެ މެމްބަރުކަމުގެ މަޤާމަށް ހަމަޖެއްސެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ރ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެމަތީންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އަލްއުސްތާޛު ޢަލީ ޝަރީފް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އަލްއުސްތާޛު ޢަލީ ޝަރީފް، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އަލްއުސްތާޛު ޢަލީ ޝަރީފަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.

މިރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު ޢަލީ ޝަރީފާ ވަނީ ޙަވާލުކުރައްވައިފައެވެ.

ޖޭއެސްސީއަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އައްޔަންކުރާ ފަނޑިޔާރުކަމަށް ތިން ފަނޑިޔާރުންނާ ވާދަކޮށް ޢަލީ ޝަރީފް އިންތިޚާބުވީ އެކަމަށްޓަކައި ބޭއްވި އިންތިޚާބުގައި 127 ވޯޓް ހޯއްދަވައިގެންނެވެ.

ދަށު ކޯޓުތަކުން ޖޭއެސްސީއަށް އަޔަންކުރާ ފަނޑިޔާރަކަށް ޢަލީ ޝަރީފް އިންތިޚާބުކުރީ ކުރިން ޖޭއެސްސީގައި ދަށު ކޯޓުތަކުގެ ފަރާތުން އައްޔަންކުރައްވާފައި ހުންނެވި ޑްރަގްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޢީސާ ފުޅުގެ ދައުރު މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ހަމަވުމާއި ގުޅިގެންނެވެ.

ޖޭއެސްސީގައި ތިއްބަވާނީ ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރާއެކު ޖުމްލަ 10 މެންބަރުންނެވެ.