ސިޔާސީ

މަރުތައް ތަޙްޤީޤްކުރާ ކޮމިޝަން ކޮމިޓީއަށް ޙާޒިރުކޮށްފި


މާރާލާފައިވާ މިނިސްވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲގެ މައްސަލާގައި މަޝްވަރާކުރުމަށް މަރުތައް ތަޙްޤީޤްކުރާ ކޮމިޝަން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތު ކޮމިޓީއަށް ޙާޒިރުކޮށްފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަން، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތު ކޮމިޓީޢަށް ޙާޒިރުކޮށްފައިވަނީ މިއަދު މެންދުރުފަހު ދޭއް ޖެހިއިރުއެވެ. ނަމަވެސް ކޮމިޓީގެ ބައްދަލުވުންވަނީ ސިއްރުކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސް މިވަގުތު ޗުއްޓީގައި އޮތްނަމަވެސް މަރުތަކުގެ މައްސަލަތަ ތަޙްޤީޤްކުރާ ކޮމިޝަނާއެކު ކުރަންޖެހޭ މަސައްކަތްކުރުމަށް ޤައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުވުންތައް ކުރިއަށްދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ކޮމިޝަނުން ރިޟްވާންގެ މައްސަލައާއި ގުޅޭގޮތުން އެކުލަވާލި ރިޕޯޓްގައި ބުނެފައިވަނީ ނޫސްވެރިއާ އަޙްމަދު ރިޟްވާން ކަނޑުމައްޗަށް ގެންގޮސް ބޯބުރިކޮށްލައި، ކަނޑުފައްތާލާފައިވާކަން މިހާތަނަށް ކުރި ތަޙްޤީޤަށް ހާމަވެފައިވާކަމަށެވެ. ބަޔާނުގައި ސިއްރުން ހެކިބަސްދީފައިވާ 2 ހެކިންގެ ތެރެއިން 1 ހެކިވެރިޔަކު ކޮމިޝަނަށް ދިފައިވާ ބަޔާނުގައި، ރިޟްވާން ކިޑްނެޕްކޮށްގެން ގެންގޮސް އެރުވީ އުކުޅަހު ދޯންޏަކަށްކަމަށް ބުނެފައިވެއެވެ. އަދި އެ ދޯންޏަކީ ދީނީ ހަރުކަށި ޖަމާއަތަކުން އާމްދަނީ ހޯދުމަށް ގެންގުޅޭ ދޯންޏެއްކަމަށާ މި ދޯނީގެ އިތުރުން އެހެން ދޯންޏެއްވެސް އެމީހުން އާމްދަނީ ހޯދަން ބޭނުންކުރާކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ޚުލާސާ ބަޔާނުގައި ރިޟްވާން ގެއްލުނުގޮތާއި، މީގައި ޝާމިލުވާ މީހުންނާއި، ރޭވިގެންދިޔަ ގޮތާއި އެކަމުގައި ޝާމިލުވާ ބައެއް މީހުންގެ ނަމާއެކު ތަފްސީލުތައް ހާމަކޮށްފައިވެއެވެ.

ރިޟުވާންގެ މަރާލާފައިވާ މައްސަލާގައި ކޮމިޝަނުން ނެރުނު ޚުލާސާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން އާންމުކުރުމާއެކު ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. މިމައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެންމެގިނަ ފާޑުކިޔުންތައް ފުލުހުންގެ އިދާރާއަށް އަމާޒުވެފައިވާއިރު، މިމައްސަލާގައި ޝާމިލްވާ ފުލުހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސްވަނީ ވިދާޅުވެފައެވެ.

މިރިޕޯޓާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްވެސް ވަނީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ރިޟްވާން ޢަބްދުﷲގެ މައްސަލައިގެ ތަޙުގީގާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިން އަޅަންޖެހޭ ފިޔަވަޅެއް އޮތްނަމަ އެފިޔަވަޅުތައް އަޅަމުންދާކަން ކަށަވަރުކުރައްވާނެކަމަށް ހޯމް މިނިސްޓަރުވެސް ވަނީ ވިދާޅުވެފައެވެ.