ވިޔަފާރި

މާޓާ ފެއަރގެ ރާއްޖޭގެ ސްޓޭންޑަށް ބޮޑު ތަރުޙީބެއް


މިހާރު މެލޭޝިއާގައި ކުރިއަށްދާ މާޓާ ފެއަރގެ ރާއްޖޭގެ ސްޓޭންޑަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް އެމްއެމްޕީއާރުސީން ބުނެފިއެވެ.

މެލޭޝިއާގެ އެންމެ މަޤްބޫލް ކޮންސިއުމަރ ފެއަރ ކަމަށްވާ މާޓާ ފެއަރގައި ރާއްޖެ އިސްތިހާރުކުރުމަށްޓަކައި އެމް.އެމް.ޕީ.އާރް.ސީއާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 9 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

މާޓާ ފެއަރ ކުރިއަށްދާނީ މެލޭޝިޔާގެ ކުއާލަލަމްޕޫރްގައި ސެޕްޓެންބަރުމަހުގެ ހަޔަކުން ފެށިގެން މިއަދުގެ ނިޔަލަށެވެ. ރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތައް ދައްކުވައިދޭ ގޮތަށް 54 އަކަމީޓަރުގެ ސްޓޭންޑެއްގައި ފަތްމިނި ބޮޑުބެރު ގްރޫޕްގެ ދިވެހި ސަޤާފީ ބޮޑުބެރު ލަވަތައް ދަނީ ހުށަހަޅައިދެމުންނެވެ.

މީގެ އިތުރުން ދިވެހި ރަހަތައް ތަޖްރިބާ ކޮށްލުމުގެ އިންތިޒާމް ސްޓޭންޑްގައި ހަމަޖެހިފައި ހުންނާނެއެވެ. މާޓާ ފެއަރއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތަށް ވަރޗުއަލް ރިއަލިޓީ މެދުވެރިކޮށް ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ސްޓޭންޑަށް ޒިޔާރާތްކުރާ ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމާއި، ސަޤާފަތާއި ބެހޭގޮތުން ގިނަ މަޢުލޫމާތުތަކެއް ޙިއްސާކުރަމަށް ކުއިޒްތައް ބާއްވަމުންދާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މާޓާ ފެއަރގައި މެލޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކޮށް މި މާރކެޓަށް ރާއްޖެ އިތުރަށް އިސްތިހާރުކުރުމަށްވެސް މަޝްވަރާތައް ދަނީ ކުރަމުންނެވެ.

މިއަހަރު ޖެނުއަރީމަހުން ޖުލައިމަހުގެ ނިޔަލަށް މެލޭޝިޔާއިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ ތޭރަ ހާހަށް އަރާފައެވެ.

އާސިއާން ސަރަޙައްދަކީ ރާއްޖެއަށް ގިނަ ފްލައިޓް ތަކެއް އަންނަ ސަރަހައްދެކެވެ. އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަން މިސަރަޙައްދަށް އިޝްތިހާރުކޮށް ފަތުރުވެރިން އަންނަ ނިސްބަތް އިތުރު ކުރުމަށް ވަރަށް ގިނަ މަސައްކަތް ތަކެއް ދަނީ ކުރެވެމުންނެވެ.