ވިޔަފާރި

ޓޮލާނޯ މޯލްޑިވްސް ކުނާވަށި ރިސޯޓް އަންނަ އަހަރު ކުރީކޮޅު ހުޅުވަނީ


އޮސްޓްރޭލިއާގެ ލާވީ ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ރިސޯޓް އަންނަ އަހަރުގެ ކުރީކޮޅު ހުޅުވުމަށް ނިންމައިފިއެވެ.

ވ. އަތޮޅުގައި ޓޮލާނޯ މޯލްޑިވްސް ކުނާވަށި ރިސޯޓުގެ ނަމުގައި ތަރައްޤީކުރާ މި ރިސޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައިކަމަށް ލާވީ ހޮޓެލްސް އެންޑް ރިސޯޓްސްއިން ބުނެއެވެ.

ޑައިވްކުރުމަށް ޚާއްސަ ސަރަޙައްދެއްގައި ތަރައްޤީކުރާ ފަސް ތަރީގެ މިރިސޯޓަކީ 72 ވިލާގެ މައްޗަށް އެކުލެވޭ ރިސޯޓެކެވެ. އަދި މިރިސޯޓުގައި އެކި ބާވާތުގެ ކެއުމާއި ބުއިމަށް ޚާއްސަ 5 ރެސްޓޯރަންޓެއް ހުންނާނެއެވެ. މީގެ އިތުރުން ރިސޯޓް ތަރައްޤީކޮށްފައިވަނީ ދިވެހި އާޓިސްޓުންގެ މަސައްކަތް ރިސޯޓުގެ އެކި ސަރަޙައްދުތަކުންނާއި ރިސޯޓްގެ ވިލާތަކުން ފެންނަ ގޮތަކަށްކަމަށް ލާވީ ހޮޓެލްސް އެންޑް ރިސޯޓްސްއިން ބުނެއެވެ.

މިރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގިނަ ކަންތައްތަކެއް ކުރެވޭނެ އިންތިޒާމް ރިސޯޓްގައި ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ސީވިއު އިންފިނިޓީ ޕޫލް، ސްޕާ، ކިޑްސް ކްލަބް، ޑައިވިންގ ސެންޓަރފަދަ ތަންތަން ހިމެނެއެވެ.

ޓޮލާނޯ މޯލްޑިވްސް ކުނާވަށި ރިސޯޓު ތަރައްޤީކުރާ އޮސްޓްރޭލިއާގެ ލާވީ ހޮޓެލްސް އެންޑް ރިސޯޓްސްއަކީ 2000 ވަނަ އަހަރުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. އެގޮތުން މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ރިސޯޓް އަދި ހޮޓާ އެކުންފުނިން ދަނީ ހިންގަމުންނެވެ.

ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، ފަތުރުވެރިން އަންނަ އަދަދު އިތުރުކޮށް، އިތުރު ރިސޯޓްތައް ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކުރިއަށްއޮތް 3 އަހަރެއްހާ ދުވަހުގެ ތެރޭގައި 40 އަށްވުރެ ގިނަ ރިސޯޓް ހުޅުވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.