ސިއްހަތު

ގައިން ގަޔަށް ނާރާބަލިތަކާގުޅޭ ބައްދަލުވުމެއް ފަށައިފި


ގައިން ގަޔަށް ނާރާބަލިތަކަށް ސަމާލުވުމަށް ސަރުކާރުގެ އެހެން އިދާރާތަކާއެކު ހެލްތު މިނިސްޓްރީން ބައްވާ މަތީ ފެންވަރުގެ ބައްދަލުވުން ފަށައިފިއެވެ."އެންސީޑީސް އިން ދި ޕޯސްޓް-2015 އެޖެންޑާ"ގެ ނަމުގައި މިއަދު ހޮޓެލް ޖެންގައި ކުރިއަށްދާ މި ބައްދަލުވުމުގައި، ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވާން އަންނަ އަހަރު ކުރާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.ޑަބްލިއު އެޗްއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރައްޖޭގައި މަރުވާ ކޮންމެ 10 މީހުންގެ ތެރެއިން އެކަކީ، ގައިން ގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހެކެވެ.ކޮންމެ އަތޮޅެއްގެވެސް ހޮސްޕިޓަލުން ބައިވެރިވާ މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، އެކަމުގެ ސަބަބުން މުޖުތަމައުގެ ދުޅަހެޔޮ ކަމުގެ އިތުރުން ގައުމުގެ އިގްތިސާދަށާއި، އުފެއްދުންތަރިކަމަށްވެސް އަސަރު ކުރާ ކަމަށެވެ. މިއީ ރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމެއްގެ ތަރައްގީއަށް އެޅޭ ހުރަހެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތަކަށްމަގުފަހިވާ އާދަތައް ހުރީ ކަންބޮޑުވާ ދަރަޖައަށް ކަމަށެވެ. އެކަންކަން ކޮންޓްރޯލް ކުރުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި، މިހާރު އަށަގަނެފައިވާ އާދަކާމެދު މީހުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ ގައިއިން ގަޔަށް ނާރާ ބަލިތައް ޖެހޭ މިންވަރު މަދު ކުރެވިދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.މިއަދުގެ ބައްދަލުވުމުގައި، ގައިން ގަޔަށް ނާރާ ބަލިތައް މިހާރު ރައްޖޭގައި ހުރި މިންވަރަށްވުރެ ދަށް ކުރުމަށް ކުރެވިދާނެ ކަންތަކާމެދު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އަމަލުކުރާނެ ވަކި އުސޫލެއް ކަނޑައެޅުމަށް ގޮތްތަކެއް ނިންމާނެ ކަމަށްވެސް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.އެޗްޕީއޭގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ރަޒާނާ  ފާއިޒް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ބައިވެރިން ނިންމަ ނިންމުންތަކާ އެއްގޮތަށް މަސައްކަތްތައް އަންނަ އަހަރު ފަށާނެ ކަމަށެވެ.ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައ ޖެހުމުގެ ނިސްބަތަކީ 80 އިންސައްތައެވެ. މީގެތެރެއިން 2 އިންސައްތައަކީ ހަކުރުބަލި ޖެހޭ ނިސްބަތެވެ. ހިތާއި ލޭ ހޮޅި ބެދުމުގެ ބަލިތަކުގެ ނިސްބަތަކީ، 39 އިންސައްތައެވެ. އަދި ފުއްޕާމޭގެ ބަލިތަކުގެ ނިސްބަތަކީ 10 އިންސައްތައެވެ. މީގެ އިތުރުން ކެންސަރ ބަލީގެ ނިސްބަތް 12 އިންސައްތައިގަ ހުރިއިރު، ކިޑްނީ ބަލިތަކާއި، ގައިންގަޔަސްނާރާ އެހެން ބަލިތަކުގެ ނިސްބަތަކީ، 18 އިންސައްތައެވެ.މި ތަފާސް ހިސާބުތަކަށް ބަލާއިރު ގައިންގަޔަށް ނާރާ ބަލިތަކުގެ ނިސްބަތް ރާއްޖޭގައިހުރީ ކަންބޮޑުވާ ދަރަޖައަކަށްކަން ފާހަގަ ކޮށްލެވެއެވެ.