ޚަބަރު

އެމެޒޯން ޙިމާޔަތްކުރުމަށް އެ ޖަންގަލީގެ ސަރަހައްދުތައް ހިއްޞާކުރާ 7 ޤައުމުން މުޢާޙަދާއެއްގައި ސޮއިކޮށްފި


ދުނިޔޭގެ އެންމެ ބޮޑު ޖަންގަލިކަމަށްވާ އެމެޒޯން ޙިމާޔަތްކުރުމަށް އެ ޖަންގަލީގެ ސަރަޙައްދުތައް ޙިއްސާކުރާ 7 ޤައުމުން ޚާއްސަ މުޢާޙަދާއެއްގައި ސޮއިކޮށްފިއެވެ.

އެގޮތުން ބްރެޒިލް، ކޮލަމްބިއާ، ބޯލިވީއާ، އެކުއެޑޯރ، ޕެރޫ، ސުރްނިމް އަދި ގުޔާނާގެ އިސްވެރިންވަނީ މި މުޢާހަދާގައި ސޮއިކުރައްވާފައެވެ. މި 7 ޤައުމުން މިފަދަ މުޢާޙަދާއެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ދެ ތިން ހަފުތާގައި އެ ޖަންގަލީގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުގެ ސަބަބުން އެ ޖަންގަލީގެ އެތައްހާސް މޭލެއް މުޅިން އަނދާ ހުލިވެފައިވާ ދަނޑިވަޅެއްގައެވެ.

މި މުޢާހަދާގައި ބުނެފައިވަނީ ޖަންގަލީގައި ރޯވުމާ ހިނގާ އެހެނިހެން ޙާދިޡާތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ޚާއްސަ ވިއުގައެއް އުފައްދަންޖެހޭކަމަށެވެ. އަދި މީގެ އިތުރުން، ޖަންގަލީގެ ގަސް ކަނޑާ މިންވަރު ސެޓަލައިޓް މެދުވެރިކޮށް ގާތުން ބެލެހެއްޓުމަށްވެސް މި މުޢާޙަދާގައި ގޮވާލައެވެ. މި މުޢާޙަދާގައި އިތުރަށް ބުނެފައިވަނީ އެމެޒޯންގައި ގަސް އިންދުމަށް ޚާއްސަ ޙަރަކާތްތައް ހިންގުމަށާއި މި ޖަންގަލީގައި އުޅޭ އެކަހެރި ޤަބީލާތައް ސަލާމަތްކުރުމަށް އެކަށީގެންވާ ތަޢުލީމީ ފުރުޞަތުތައް ދޭންޖެހޭނެކަމަށެވެ. އަދި މި ޖަންގަލީގައި ހިންގާ ޤަވައިދާ ޚިލާފު އެކި ކަންކަމާ ގުޅޭގޮތުން އެއް ޤައުމުން އަނެއް ޤައުމާ މަޢުލޫމާތު ޙިއްސާކުރުމަށް މި މުޢާޙަދާގައި ގޮވާލައެވެ.

ދެކުނު އެމެރިކާގެ ގިނަ ޤައުމުތަކަށް ފެތުރިފައިވާ އެމެޒޯން ޖަންގައްޔަކީ ދުނިޔޭގައި މިހާރު އޮތް އެންމެ ބޮޑު ޓްރޮޕިކަލް ރެއިންފޮރެސްޓެވެ. ދުނިޔޭގައި އުޅޭ ދިރޭ އެއްޗެހި ބޭނުންކުރާ އޮކްސިޖަންގެ ވިހި އިންސައްތަ ފޯރުކޮށްދެނީ މި ޖަންގަލިންނެވެ. މި ޖަންގަލީގައި 500އަށްވުރެ ގިނަ ޤަބީލާތަކުގެ 1 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، 3 މިލިއަނައަށްވުރެ ގިނަ ޖަނަވާރާ ދޫނި ސޫތްޕާ ސޫފީގެ ވައްތަރުތައް އުޅެއެވެ.

އެމެޒޯންގެ ފަސްދޮޅަސް އިންސައްތަ ޙިއްސާކުރަނީ ބްރެޒިލްއިންނެވެ. މި ޖަންގަލީގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ މި އަހަރުގެ ތެރޭގައި އެ ސަރަޙައްދުގައި ރޯވާ އަލިފާންގަނޑުގެ އަދަދު އަށްޑިހަ އިންސައްތަ އިތުރުވެފައިވާކަމަށެވެ. އެމެޒޯން ޖަންގަލީގައި އެންމެ ފަހުން ރޯވި އަލިފާންގަނޑު އެންމެ ބޮޑަށް ފެތުރިފައިވަނީ ބްރެޒިލުން ޙިއްސާކުރާ ޖަންގަލީގެ ސަރަޙައްދުތަކުގައިކަމަށް ރިޕޯޓްތައް ބުނެއެވެ. މި ގޮތުން ބްރެޒިލްގެ ހަތް ސްޓޭޓަކަށް މި އަލިފާންގަނޑު ފެތުރިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ބްރެޒިލްގެ އިތުރުން ބޮލީވިއާގައި އޮންނަ ޖަންގަލީގެ ސަރަޙައްދުތަކުގައިވެސް އަލިފާންގަނޑު އަނދަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ އެ ޤައުމުން ޕެރޫއާ ބްރެޒިލްއާއެކު ޙިއްސާކުރާ ސަރަޙައްދީރޮނގު ކައިރީގައި އޮންނަ ސަރަޙައްދެއްކަމަށް ރޮއިޓާސްުންވަނީ ބުނެފައެވެ.