ކުޅިވަރު

އައްޑޫ ބެޑްމިންޓަން ކޮމްޕްލެކްސް މިމަަހުގަ ނިޔަލަށް ނިންމާލެވޭނެ: އޭޕީސީ


އައްޑޫ ބެޑްމިންޓަން ކޮމްޕްލެކްސްގެ އިމާރާތުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިއްމާލެވޭނެ ކަމަށް އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް(އޭޕީސީ) އިން ބުނެފިއެވެ.

އައްޑޫ ބެޑްމިންޓަން ކޮމްޕްލެކްސް އަކީ ޔޫތު މިނިސްޓްރީން އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް އާއި ހަވާލު ކޮއްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢު އޭޕީސީ އާއި ހަވާލު ކޮށްފައިވަނީ މޭއި މަހުގެ 21 ވަނަ ދުވަހުއެވެ. މުޅިއަކު މިމަޝްރޫއަށް 6 މިލިއަން ރުފިޔާ ޙަރަދުވާއިރު މަޝްރޫޢުގެ މަސައްކަތް ފަށާތާ 120 ދުވަސް ތެރޭ މަސައްކަތް ނިންމަން ޖެހެއެވެ. ހިތަދޫ ކޮމިއުނިޓީ ސެންޓަރާއި އިންވެގެން އޮންނަ ހުސްބިމުގައި އަޅަމުންދާ މިކޮމްޕްލެކްސް މަސައްކަތް ކުރިއަށް ދަނީ ދެފިޔަވައްސަކަށް ބެހިގެންނެވެ. އެގޮތުން އޭޕީސީން މަޢުލޫމާތު ދިން ގޮތުގައި ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށް ދިޔައީ ބުޑުއެޅުން ފަދަ ގްރައުންޑް ވޯކްސް މަސައްކަތްތައް ކަމަށެވެ.

ކޮމްޕްލެކްސް އާއި ގުޅޭ ގޮތުން ޕީއެސްއެމް އަށް މައުލޫމަތު ދެއްވަމުން އޭޕީސީގެ މެނޭޖަރ އަހުމަދު ޒަހީން ވިދާޅުވީ، މިފަދަ މަޝްރޫއެއްގެ ހިންގާ އިރު އެންމެ ބޮޑު ޓާގެޓަކީ ތާވަލާއި އެއްގޮތަށް މަސައްކަތް ނިންމާލުން ކަމަށެެވެ. އެގޮތުން މިމަސައްކަތް އެޕީސީން މިކުރަނީ 4 މަސް ދުވަހުގެ ތެރޭގައިކަން އޭނާ ފާހަގަ ކުރެއްވިއެވެ. ޒަހީން ވިދާޅުވީ މިހާރު ކޮމްޕްލެކްސްގައި ކުރިއަށް ދަނީ ސްޓީލް ސްޓްރަކްޗަރގެ މަސައްކަތް ކަމަށާއި، އަމާޒަކީ މިމަހުގެ ނިޔަލަށް އިމާރާތުގެ މަސައްކަތް ނިންމާލުން ކަމަށެވެ.

މިމަޝްރޫޢު ދަށުން ބައިނަލްއަޤްވާމީ ފެންވަރުގެ 4 ކޯޓު ހިމެނޭ ބެޑްމިންޓަން ހޯލެއް އެޅިގެންދާނެއެވެ. އަދި މިއިމާރާތުގެ ތެރޭގައި ކުޅުންތެރިން ތަމްރީނުތަކަށް ބޭނުން ކުރާނެ ޖިމަކާއި އެކު އެކޮމޮޑޭޝަން ބްލޮކެއް ހިމެނެއެވެ. އޭޕީސީން ބުނި ގޮތުގައި މިތަނުގެ ކޯޓުތަށް ހަދާ މުޅި ކޮމްޕްލެކްސް ނިންމަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ މިންގަނޑު ތަކާއި އެއްގޮތަށެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ އެއްބާރުލުމާއި އެކު ކަން އޭޕީސީއިން ފާހަގަ ކުރެއެވެ.