ޚަބަރު

ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބާޓް މުގާބޭ އަވަހާރަވެއްޖެ


ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބާޓް މުގާބޭ އަވަހާރަވެއްޖެއެވެ. މިކަން ކަށަވަރުކޮށްދެއްވާ ޒިމްބާބުވޭގެ މިހާރުގެ ރައީސް އެމަސަން މްނަންގަގްވާވަނީ ޓުވީޓެއްކުރައްވާފައެވެ.

އުމުރުން 95 އަހަރުގެ މުޤާބޭ އަވަހާރަވެފައިވަނީ ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށްކަމަށް އޭނާގެ އާއިލާއިންވަނީ ބުނެފައެވެ. އަދި އޭނާ ދިޔައީ މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން އެ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންކަމަށްވެސް މުގާބޭގެ އާއިލާއިންވަނީ ބުނެފައެވެ.

ރޮބާޓް މުގާބޭއަކީ ޒިމްބާބުވޭގެ ބާނީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާއިރު އޭނާ އެ ޤައުމުގެ ވެރިކަމާ ފުރަތަމަ ޙަވާލުވެވަޑައިގެންފައިވަނީ 1980ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން ޒިމްބާބުވޭއަށް މިނިވަންކަން ލިބުމާއެކު އެ ޤައުމުގައި ބޭއްވި އިންތިޚާބު ކާމިޔާބުކުރައްވާ އެ ޤައުމުގެ ބޮޑުވަޒީރުުގެ ގޮތުގައެވެ. ވެރިކަމުގެ ފުރަތަމަ އަހަރުތަކުގައި މުގާބޭވަނީ ޒިމްބާބުވޭގެ ކަޅު ނަސްލުގެ މީހުންނަށް ތަޢުލީމީ ފުރުޞަތުތައް ހޯއްދަވައިދީ އެފަދަ ފަރާތްތަކަށް އެ ޤައުމުގައި އެކަށީގެންވާ ސިއްޙީ ފަރުވާތައް ހޯދުމުގެ ފުރުޞަތުތައްވެސް މަގުފަހިކުރައްވާފައެވެ.

1987ވަނަ އަހަރު މުގާބޭވަނީ ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަވާ ބޮޑުވަޒީރު ކަމުގެ މަޤާމު އުވާލައްވާ ޒިމްބާބުވޭގައި ރިޔާސަތެއް ޤާއިމުކުރައްވާ ރައީސްކަމާ ހަވާލުވެވަޑައިގެންފައެވެ.

އެފްރިކާ ބައްރުގައި އެންމެ ގިނަ ދުވަސްވަންދެން ވެރިކަން ކުރެއްވި އެއް ރައީސް ކަމަށްވާ މުގާބޭގެ ވެރިކަމުގެ ފަހު އަހަރުތަކުގައި އެ ޤައުމުގެ ގިނަ ބަޔަކުވަނީ އިދިކޮޅު ފަރާތްތަކުގެ ޙައްޤުތައް ނިގުޅައިގަނެ އޭނާގެ ސަރުކާރުގެ ފަރާތުން ކޮރަޕްޝަންގެ ޢަމަލުތައް ފެންމަނުންދާ މިންވަރު އިތުރުވެފައިވާކަމަށް ބުނެ ގިނަ ތުޙުމަތުތަކެއްކޮށްފައެވެ.

37 އަހަރަށްފަހު މުގާބޭގެ ވެރިކަން ވައްޓާލާފައިވަނީ 2017ވަނަ އަހަރު އެ ޤައުމަށް ގެނައި އަސްކަރީ ބަޣާވާތެއްގައެވެ.