ރާއްޖޭގައި ލާމަރުކަޒީ ނިޒާމް ފުޅާވެގެންދާއިރު އަންހެނުންގެ ޙިއްޞާ ވަރަށް ބޮޑަށް އިތުރުކުރަންޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނާއިބް ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަންގެ 21 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑާސް ތަމްރީން ކޭމްޕު ނިންމުމުގެ ގޮތުން ކ. މާފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނާއިބް ރައީސް ވިދާޅުވީ އަންހެން ބޭފުޅުންނަކީ މުޅި ޤައުމު ތަރައްޤީވެގެންދާއިރު އެމަސައްކަތުގައި ދެބައިކުޅައެއްބައި ޙިއްޞާކުރަންޖެހޭ ބައެއް ކަމަށާ އެހެންކަމުން ދިވެހިރާއްޖެ ލާމަރުކަޒީ ނިޒާމަކަށް ދަތުރުކުރަމުންދާއިރު އަންހެންބޭފުޅުންގެ ޙިއްޞާ ވަރަށްބޮޑަށް އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި މިހާރުވެސް ރަށްރަށުގައި އަންހެނުންގެ ކޮމެޓީތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަންވެސް ނާއިބް ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންގެ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތޭ، ޚާއްޞަކޮށް ތިޔަ އެންމެހާ ކުދީންނަށް މި ލިބިގެންދިޔަ ތަމްރީނުތަކަކީ، ލިބިގެންދިޔަ ފިލާވަޅުތައް ދަސްކުރެވި، ކޮންމެ ކަމަކީ މުސްތަޤްބަލުގައި ބޭނުން ކުރާނެ ކަންތައްތަކެއްކަން" ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.
ނާއިބު ރައީސްގެ ވާހަކަފުޅުގައި، މުސްތަޤުބަލުގައި ދިރިއުޅުމަކާ ކުރިމަތިލާއިރުވެސް އަމިއްލައަށް ކަންތައްތައް ކުރަންދަންނަ، ހުނަރުވެރި ބަޔަކަށް ކުދިން ވާންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި އެހެން މީހުންނާއެކު މަސައްކަތްކުރާއިރު އަބަދުވެސް އޯގާތެރިކަން އިސްކުރުމާއި، އެހެން މީހުންނަށް އަބަދުވެސް ހެޔޮއެދިގެން ކުލުނާއެކު މަސައްކަތްކުރެވޭނެ ފަދަގޮތަކަށް ވިސްނުން ބަހައްޓަން ދަސްކުރަންޖެހޭ ކަމަށްވެސް ނާއިބް ރައީސް ވިދާޅުވިއެވެ.