ޚަބަރު

ރަޝިއާގެ ރައީސް ޕުޓިންއާ މަޝްވަރާކޮށް ޚިޔާލުބަދަލުކުރަން ތައްޔާރަށް ހުންނެވިކަމަށް ޖަޕާނުގެ ބޮޑުވަޒީރު އަބޭ ވިދާޅުވެއްޖެ


ޖަޕާނާއި ރަޝިއާއާ ދެމެދު ސުލްޙައިގެ މުޢާޙަދާއެއް ޤާއިމުކުރުމާބެހޭގޮތުން ރަޝިއާގެ ރައީސް ވްލަޑްމީރު ޕުޓިންއާ މަޝްވަރާކޮށް ޚިޔާލުބަދަލުކުރަން ތައްޔާރަށް ހުންނެވިކަމަށް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ވްލަޑިވޮސްތޮކްގައި ކުރިޔަށްދާ އީސްޓަން އިކޮނޮމިކް ފޯރަމްގެ ހަވާސާގައި ރަޝިއާގެ ރައީސް ވްލަޑްމީރު ޕޫޓިންއާ ބައްދަލުކުރެއްވުމަށްފަހު އަބޭ ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައިވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި އެފަދަ މުޢާޙަދާއަކަށް ބޭނުންވާކަމަށެވެ.

ރަޝިއާއާއި ޖަޕާނަކީ ސަރަޙައްދީ ރޮނގުގެ މައްސަލަތައް އުފެދިފައިވާ ދެ ޤައުމުކަމަށްވާއިރު ރަޝިއާގެ ދަށުގައި އޮންނަ ސަދަން ކުރީލްސްގެ ޖަޒީރާތަކަކީ އޭގެ މިލްކުވެރިކަމަށް ޖަޕާންވެސް ދަޢުވާކުރާ ޖަޒީރާތަކެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކުރީގެ ސޮވިއެޓް ޔުނިޔަންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަ ސަދަން ކުރީލްސް ޖަޒީރާތަކަކީ ޖަޕާން ދެކޭގޮތުގައި އެ ޤައުމުގެ ޖަޒީރާތަކެކެވެ.

އެ މައްސަލައިގައި ޖަޕާނާއި ރަޝިއާއާ ދެމެދު ބޮޑެތި އަރާރުންތަކެއް އުފެދިފައިވާއިރު ދެ ޤައުމުގެ ދެމެދުގައި ސުލްޙައިގެ މުޢާޙަދާއެއް ޤާއިމުކުރުމަށް އެޅިފައިވާ ހުރަހަކީވެސް މިޖަޒީރާތަކުގެ މައްސަލަކަމަށްވަނީ ބެލެވިފައެވެ.