ޚަބަރު

އިނގިރޭސިވިލާތަށް މިވަގުތު އެންމެ ރަގަނޅު ގޮތަކީ އާންމު އިންތިޚާބެއް ބޭއްވުން: ސާޖިދު ޖާވީދް


އިނގިރޭސި ޕާލަމެންޓުން ދެކޮޅުހެދިނަމަވެސް އިނގިރޭސިވިލާތަށް މިވަގުތު އެންމެ ރަގަނޅު ގޮތަކީ އާންމު އިންތިޚާބެއް ބޭއްވުންކަމަށް އެ ޤައުމުގެ މާލީ ވަޒީރު ސާޖިދު ޖާވީދް ވިދާޅުވެއްޖެއެވެ.

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުގެ މައްސަލައިގައި ހައުސް އޮފް ކޮމަންސްގައި ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީތަކަށް އިޝާރާތްކުރައްވައި ޖާވިދު ވިދާޅުވީ އެއްބަސްވުމަކާނުލައި ބްރެކްސިޓްގެ ކަންތައް ނިންމުމުގެ ވިސްނުން ސަރުކާރުން ގެންގުޅުނީ އެއްބަސްވުމެއްގެ ދަށުން ބްރެކްސިޓްގެ ކަންތައް ކުރެވޭނެގޮތް ނުވެއްޖެ ޙާލަތެއްގައިކަމަށާ އެއްބަސްވުމަކަށް ދިޔުމަށްޓަކައި ވިލާތުގެ އިއްތިޙާދާއެކު ވާހަކަދެއްކުމުގެ ފުރުޞަތު އޮތް ނަމަވެސް ހައުސް އޮފް ކޮމަންސްގެ ބައެއް މެންބަރުންގެ ކިބައިން ފެނުނީ ވިލާތުގެ އިއްތިޙާދަށް އަމާން ދިން މަންޒަރުކަމަށާ މި ޙާލަތުގައި ޤައުމަށް އެންމެ ރަގަނޅު ގޮތަކީ އާންމު އިންތިޚާބަކަށް ދިޔުންކަމަށް ޖާވީދް ވިދާޅުވިއެވެ.

ބްރެކްސިޓްގެ ކަންތައް 31 އޮކްޓޯބަރަށްވުރެ ފަސް ނުކުރުމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިނގިރޭސި ޕާލަމެންޓްގެ ދަށުގެ ކަމަށްވާ ހައުސް އޮފް ކޮމަންސްގައި ހިމެނޭ ކޮންޒަވެޓިވް ޕާޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވިނަމަވެސް އެޕާޓީގެ އެކާވީސް މެންބަރުންވަނީ ޖޯންސަންއަށް ގޮންޖައްސަވައި އިދިކޮޅު މެންބަރުންނާ ގުޅިގެން ބްރެކްސިޓްގެ ކަންތައް އަންނަ ޖެނުވަރީ މަހުގެ ފަހުކޮޅަށް ލަސްކުރުމުގެ ޤަރާރެއް ފާސްކޮށްފައެވެ،