ޚަބަރު

އިންސާނީ ޙައްގުތައް ޙިމާޔަތްކުރަން ރާއްޖެއިން ކުރާ މަސައްކަތަށް އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ ތަޢުރީފު


އިންސާނީ ޙައްގުތައް ޙިމާޔަތްކުރަން ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އދގެ އިންސާނީ ޙައްޤުތަކާއި ބެހޭ ހައިކޮމިޝަނަރު މިޝެލް ބެޝެލޭ ތަޢުރީފްކުރައްވައިފިއެވެ.

ޖެނީވާގައި ހުންނަ އދގެ އޮފީހުގައި އދގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލް މެންބަރު ޤައުމުތަކާއި، އޮބްޒަރވަރ ޤައުމުތަކާއެކު އިންސާނީ ޙައްގުތަކާއިބެހޭ ހައިކޮމިޝަނަރ މިޝެލް ބެޝެލޭ ބޭއްވި ނުރަސްމީ ބައްދަލުކުރެއްވުމުގައި ދިވެހި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ދާއިމީ މަންދޫބް ހާލާ ހަމީދެވެ.

ބައްދަލުވުމުގައި ކޮމިޝަނަރ ބެޝެލޭ ވިދާޅުވީ އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމުގައި ޤަމުތަކުން ހޯދަމުން އަންނަ ކާމިޔާބީތަކުގެ ވާހަކަ އިތުރުކުރަންޖެހޭކަމަށެވެ. އެގޮތުން މިސާލު ނަންގަވާ އެކަމަނާ ވިދާޅުވީ ދިވެހިރާއްޖެއަކީ އިންސާނީ ޙައްގުތައް ޙިމާޔަތް ކުރުމަށް ނަމޫނާ މަސައްކަތްތަކެއް ކުރަމުން އަންނަ ޤައުމެއްކަމަށެވެ.

ބެޝެލޭ ވިދާޅުވީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ދިވެހިރާއްޖެއިން އދގެ އޮފީސް އޮފް ދަ ހައިކޮމިޝަނަރ ފޯރ ހިއުމަން ރައިޓްސްއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އިންސާނީޙައްޤުތަކާއި ބެހޭ މުޝީރަކު ދިވެހިރާއްޖެއަށް ފޮނުވުމަށް ދިވެހި ސަރުކާރުން އެދިފައިވާކަމަށެވެ. ދިވެހިރާއްޖެއިން އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހުގެ އެހީއަށް އެދިފައިވަނީ ދިވެހި ސަރުކާރުން ރާއްޖޭގެ އިންސާނީ ޙައްގުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. މިކަމުގެ މަޝްވަރާތައް ރާއްޖެއިން ކުރެއްވީ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ހައިލެވެލް ސެގްމަންޓްގައި ބައިވެރިވެ ވަޑައިގަތުމަށް، މިއަހަރުގެ ކުރީކޮޅު ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގައި ހައިކޮމިޝަނަށް މިޝޭލް ބެޝެލޭއާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

ހައިކޮމިޝަނަރުގެ ވާހަކަފުޅުގައިވަނީ ޤައުމުތަކުން އަވަސް ފިޔަވަޅުތައް ނާޅައިފިނަމަ 2030ވަނަ އަހަރަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލް ނުކުރެވޭނެކަން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކަށް އެކަމަނާގެ ވާހަކަފުޅުގައިވަނީ އަލިއްޅުއްވާލައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ފަރާތުން ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ދާއިމީ މަންދޫބް ހާލާ ހަމީދު ވަނީ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، މޫސުމީކަންކަމަށް ހައިކޮމިޝަނަރ ދެއްވާ އަޙަމިއްޔަތުކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިންސާނީ ޙައްގުތައް ޙިމާޔަތް ކުރުމަށް ކުރާ މަސައްކަތްކުގައި އދގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ވަނީ ދެއްވާފައެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް 2 އަންހެން ބޭފުޅުން އައްޔަންކުރެއްވިކަމުގެ މަޢުލޫމާތު ހައިކޮމިޝަނަރާއި ޙިއްސާކުރައްވައި، އިންސާނީ ޙައްގުތައް ކަށަވަރުކޮށްދީ، ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާކަމަށްވެސް ޙަލާ ހަމީދް ވަނީ ވިދާޅުވެފައެވެ.