ޚަބަރު

އުތުރު ހުވަދޫ މަހާސިންތާ ފަށައިފި


ހުވަދު އަތޮޅު އުތުރުބުރީގެ ކައުންސިލްތަކުގެ މެދުގައި ކުރިއަށްގެންދާ އުތުރު ހުވަދޫ 2 ވަނަ މަހާސިންތާ ފަށައިފިއެވެ.

މި މަހާސިންތާ ފައްޓަވައިދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްއެވެ. މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި މަހާސިންތާ ކުރިއަށްދާނީ ގއ. ދާންދޫގައެވެ. ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ އެއަތޮޅުގެ 9 ރަށުގެ ކައުންސިލްތަކުން ބައިވެރިވާ މި މަހާސިންތާއަކީ ސަރުކާރުގެ އޮފީސްތަކާއި ސިވިލް ސަރވިސް ކޮމިޝަނާއެކު މަޝްވަރާކޮށް ހިންގުން ހަރުދަނާކުރުމުގެ ގޮތުންނާއި މަޢުލޫމާތާއި ތަޖުރިބާ ހިއްސާ ކުރުމުގެ ގޮތުން ބާއްވާ މަހާސިންތާއެއްކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މި މަހާސިންތާގައި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމްގެ އިތުރުން މެންބަރު ފާތިމަތު އާމިރާ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި މަހާސިންތާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ވަނީ ކޮންމެ ހިންގުންތެރިއަކުވެސް ފަރުދީ ޒިންމާ ނަންގަވައި ކަންކަމުގެ ހުނަރާއި މަޢުލޫމަތު އަމިއްލަ އިސްނެގުމާއެކު ދަސްކޮށް ޒަމާނަށްފެތި ޒިންމާދާރު އަދި ނަޒާހަތްތެރި މީހަކަށް ވުމަށް ގޮވާލައްވާފައެވެ. އަދި ރަށާއި އަތޮޅު ތަރައްޤީ ކުރުމުގައި ކޮންމެ ފަރުދެއްގެވެސް ހިއްސާއެއް އޮތްކަން ފާހަގަކުރައްވައި ކަންކަމާމެދު އީޖާދީ އުފެންދުންތެރި ނަޒަރަކުން ވިސްނައި ކަންކަމަށް ހައްލު އަމިއްލައަށް ހޯދުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ޝަމީމް ވަނީ އަލިއަޅުއްވާލައްވާފައެވެ.

ގއ. ދާންދޫ ރައްޔިތުން މަހާސިންތާގައި ބައިވެރިވުމަށް މާލެއާއި އަތޮޅު ތެރެއިން ވަޑައިގެންނެވި ފަރާތްތަކަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއްކިޔާފައެވެ.