ވިޔަފާރި

ފަތުރުވެރިންނަށް ޚިދުމަތްދޭ ހުރިހާ ތަނެއް މިމަހު އިންސްޕެކްޓްކޮށް ނިމޭނެ


ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރުމުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހު ނިމޭނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވީ، މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުންނެވެ.

މި އިންސްޕެކްޝަންގެ ތެރެއިން ރާއްޖޭގެ 20 އަތޮޅު އިންސްޕެކްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ނިމުމުން ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ތަންތަނަށް ޓުއަރިޒަމް މިނިސްޓްރީގެ މިނިމަމް ރިކުއާމަންޓް އެޕްރޫވަލް ސްޓިކަރ ދޫކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި އެއަށްފަހު ކޮންމެ އަހަރަކު ފަތުރުވެރިންނަށް ޚިދުމަތްދޭ ހުރިހާ ތަނެއް އިންސްޕެކްޓްކޮށް، ސްޓީކަރ އާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށާއި ސްޓިކަރ އާކުރާނީ އިންސްޕެކްޝަނުން ފާހަގަވި ކަންކަން ރަނގަޅުކުރުމުންކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ އިންސްޕެކްޓްކުރުމުގެ މަސައްކަތުގެ ތެރެއިން، މުވައްޒަފުންނަށް ލިބިދޭ ޚިދުމަތްތަކާއި ވަޒީފާއާބެހޭ ޤާނޫނުތަކުން ލިބިދޭ ޙައްޤުތަކާއި ރިސޯޓްގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތައް ބަލާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި އިންސްޕެކްޝަންތައް ނިމިގެންދާއިރު ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނުގެ ހުރިހާ ކަމެއް ދެނަގަނެވޭނެކަމަށާއި، މިއީ ދާއިރާ ކުރިއެރުވުމަށް ލިބޭނެ ރަނގަޅު ފުރުސަތެއްކަމަށްވެސް ސަރުކާރުން ދެކެއެވެ.