ސިޔާސީ

ޤައުމު ތަރައްޤީވެފައިނުވަނީ އިންސާނީ ވަސީލަތް ތަރައްޤީ ކުރެވިފައިނުވާތީ - ރައީސް


މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަކީ ޤައުމީ އާމްދަނީން ބޮލަކަށް ޖެހޭ މިންވަރު، އެންމެ މަތީ ޤައުމު ނަމަވެސް ޤައުމު ކުރިއަރައިގެން ގޮސްފައިނުވަނީ ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރެވިފައިނުވާތީކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނ. މިލަދޫ ހިދާޔާ ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހިދާޔާ ސްކޫލުގެ 50 އަހަރުވީ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ކިތަންމެ ގިނަ ވަސީލަތްތަކާއި، ބޮޑު މުއްސަނދިކަމެއް ލިބިފައި އޮތްނަމަވެސް، ޢިލްމު ހޯދުމަށް އިސްކަން ނުދޭނަމަ، ތަރައްޤީއަކީ ލޮލުކޮޅަށްވެސް ފެންނާނެ ކަމެއް ނޫންކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަން އޮތް އެންމެ ބޮޑު އިންވެސްޓަކީ، ޒަމާނީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުންކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމުގެ ތަރައްޤީގެ މަޝްރޫޢުތައް އެކަށައަޅަނީ، އެއިރަކު އޮންނަ ސަރުކާރަކުންކަމަށާއި، އެހެންކަމުން އެޒަމާނެއްގައި ލިބެން ހުރި، އެންމެ ފެންވަރު ރަނގަޅު ތަޢުލީމެއް، ރައްޔިތުންނަށް ހޯދައިދިނުމަކީ، ސަރުކާރުން ކޮށްދޭންޖެހޭކަމެއް ކަމަށެވެ. މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މަސައްކަތް ކުރަމުން އަންނަނީ އެ ވަޢުދުތައް ފުއްދައިދޭންކަން ފާޙަގަކުރައްވާ ރައީސް ވަނީ އެކަމަށް ކުޑަވެސް މަޑުޖެހުމެއް ނައިސް، ހަލުވި ދުވެލީގައި ކުރިއަށް ދާކަމުގެ ޔަޤީންކަންދެއްވާފައެވެ.

" ތިޔައިން ކޮންމެ ކުއްޖަކުވެސް ވިސްނަންވީ، ތިމާގެ ރަށާއި އަތޮޅަށް، އަދި ޤައުމަށް ތިމަންނާގެ ފަރާތުން ކޮށްދެވޭނީ ކޮން ކަމެއްތޯ؟ ތިމަންނަގެ ކިބައިގައި ހުރި ހުނަރަކީ ނުވަތަ ފަންނަކީ ކޮބައިތޯ؟ އެކަންކަމާ މެދު ވިސްނަންޖެހެނީ، ތަރައްޤީގެ މަގުގައި، މާހަލުވި ފިޔަވަޅުތަކެއް، އަޅުގަނޑުމެން އަޅަންޖެހިފައިވާތީ. މިރާއްޖޭގެ ޤުދްރަތީ މުއްސަނދިކަމާއި، މިރާއްޖެއަށް ލިބޭ އާމްދަނީން، ކޮންމެ މީހަކަށް ޖެހޭ މިންވަރާ، މިކަންކަމަށް ބަލާއިރު، އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންނަށް ޙައްޤު ހިސާބަށް އާދެވިފައިތޯ ވިސްނައިލުން ވަރަށް މުހިންމު" ރައީސް ވިދާޅުވެއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މި ސަރަޙައްދުގެ ޤައުމުތަކާ އަޅާބަލާއިރު، ރާއްޖެއަކީ އާބާދީގެ ނިސްބަތުން، ޤައުމީ އާމްދަނީން ބޮލަކަށް ޖެހޭ މިންވަރު، އެންމެ މަތީ ޤައުމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެނިސްބަތުން ބަލާއިރު، ރާއްޖެ އޮތީ ތަރައްޤީވާންވީ ވަރަށް ތަރައްޤީވެފައި ކަމަކަށް ދެކެވަޑައިނުގަންނަވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މައްސަލައަކީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ނުކުރެވުމާއި، ތަރައްޤީގެ ވިސްނުން، ސިކުނޑިތަކުގައި އުފަން ނުކުރެވުންކަމަށެވެ.

"އަޅުގަނޑުމެންގެ ކުދީންނާއި ޒުވާނުންގެ ތަޢުލީމާއި ތަރުބިއްޔަތަށް، ޚާއްޞަ ސަމާލުކަމެއް ދޭންޖެހެނީ މިސަބަބަށްޓަކައި. ރާއްޖޭގެ އާބާދީގައި 35 އިންސައްތައަށް ވުރެ ގިނައީ 35 އަހަރުން ދަށުގެ މީހުން. ޤައުމުގެ މައި އިންޖީނަކީ އެއީ. މި ޢުމުރުފުރާގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ މަގަށް، ހުރިހާ މަރުޙަލާއެއްގެ ތަޢުލީމީ މުއައްސަސާތަކުގެ މިސްރާބު ސީދާކުރުން ވަރަށް މުހިންމު.
ބެލެނިވެރިންނާއި މައިންބަފައިންވެސް އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަން. ވަކިން ޚާއްޞަކޮށް، ހެޔޮ ގޮތުގައި ދަރީން ތަރުބިއްޔަތުކުރުމަށް، އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ މައިންބަފައިންނަށް."

ރައީސް ވިދާޅުވީ ޤައުމުގެ ކަންކަން އިޞްލާޙްކުރުމަކީ ވަކިވަކި ފަރުދުންނާ ހަމައިން ފެށިގެން އަންނަ ކަމެއްކަމަށެވެ. ހެޔޮލަފާ ޒުވާން ޖީލެއް ބިނާކުރުމަކީ، މުޅި ޤައުމުގެ ޙައްޤުގައި ހުރިހާ ރައްޔިތުންވެސް ކުރަންޖެހޭކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކޮރަޕްޝަން ނައްތައިލެވޭނީވެސް، ޢަދުލު އިންޞާފު ޤާއިމުކުރެވޭނީވެސް، އަދި ޙައްޤުތައް ރައްކާތެރިކުރެވޭނީވެސް، ފަރުދީ ގޮތުން އިޞްލާޙްވެގެންކަމަށެވެ.

އެކަމުގައި ބެލެނިވެރިންނެކޭ އެއްފަދައިން، މަދަރުސާތަކުގެ ދައުރުވެސް ވަރަށް މުހިންމުކަމަށާއި، އެކަމުގައި ދަރިވަރުންނަށް ނަމޫނާ ދައްކަން ތިބި ބަޔަކީ، ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބެލެނިވެރިންނާއި މައިންބަފައިންނާއި ޓީޗަރުންގެ ނަޞޭހަތް ޤަބޫލުކޮށް، އަޚްލާޤީ ރިވެތި އަދަބުތަކުގައި ހިފެހެއްޓުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އިލްތިމާސްކުރައްވާފައެވެ.