ޚަބަރު

ދައުރު ނުނިންމައި ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް


ދައުރު ނުނިންމައި ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިއުމަށް މަޖިލީހުން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލިސް މިއަދަށްފަހު ޗުއްޓީއަށް ދިޔަކަމުގައި ވީނަމަވެސް ގަސްތުކުރައްވަނީ ދައުރު ނުނިންމައި ބޭއްވުމަށްކަމަށެވެ. މަޖިލީހުގައި ހުރި މަސައްކަތްތައް ހުރިގޮތުން ޗުއްޓީއަށް ދިޔަކަމުގައި ވީނަމަވެސް ކޮންމެފަދަ ހާލަތެއްގައިވެސް މަޖިލިސް ބާއްވަން ޖެހިދާނެކަމަށާއި، އެގޮތަށް މެމްބަރުންވެސް ތައްޔާރުވެގެން ތިއްބެވުމަށް މަޖިލީހުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އަދި ގެއްލުވާލާފައިވާ ނޫސްވެރިއާ ރިޟްވާންގެ މައްސަލާގައި މަރުތަކާބެހޭ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގެ މަސައްކަތް މި ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރަމުން ދިއުމަށް ރައްޔިތުންގެ މަޖިލީގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މިމައްސަލަޔަކީ ސީރިއަސް މައްސަލައެއްކަމަށްވުމުން، މިމައްސަލަ ކޮމިޓީމަރުހަލާގައި ބައްލަވަންޖެހޭ ބެއްލެވުންތަކަށްފަހު ކޮމިޓީގެ މަސައްކަތް ނިންމަންޖެހޭކަމަށާއި، މިކަމުގައި 241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ އެއްބާރުލުން ވަރަށްބޮޑަށް ބޭނުންވާކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މިދައުރަށް މަޖިލިސް ޗުއްޓީއަށް ދާންޖެހޭ ދުވަހަކީ އޮގަސްޓްމަހުގެ 29 ވަނަ ދުވަހެވެ. ނަމަވެސް މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ކުރަން ހުރުމުން މަޖިލިސް ރައީސްވަނީ މިހަފްތާ ނިމެންދެން މެޖިލީހުގެ މިދައުރުގެ ޖަލްސާ ދަންމާލާފައެވެ.