ކުޅިވަރު

ފުރަތަމަ މުބާރާތުން ބްރޯންޒް މެޑަލް ހޯދުމަކީ ބޮޑު ކާމިޔާބެއް: އަދީލް


ޓާގެޓަށް ވާސިލް ނުނެވުނު ނަމަވެސް ލިބުނު ކާމިޔާބީ އާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށް ކްލަބް ވެމްކޯގެ ކޯޗް އަހުމަދު އަދީލް ބުނެފިއެވެ.

އަދީލް ބުނީ ފައިނަލަށް ދާން އުނދަގޫވީ މާ ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިންނަށް ރިކަވަރީގެ މައްސަލަ ދިމާވެގެން ކަމަށާއި، މެޗްތައް ތާވަލުކުރެވިފައިވާ ގޮތުން ވަރަށް ބޮޑަށް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދީލް ބުނީ ކޮންމެ މެޗަކަށް ޓީމް ސްޓޭޑިއަމަށް ދާން ޖެހެނީ ދޮޅު ގަޑިއިރުގެ ދަތުރެއް ކޮށްފައި ކަމަށާއި، ދުވާލަކު ދެމެޗު ކުޅެން ޖެހޭއިރު، ފުރަތަމަ މެޗަށްފަހު ދެވަނަ މެޗަށް ކުޅުންތެރިން ރިކަވާރީއަށް ލިބެނީ އެންމެ ދެގަޑިއިރު ކަމަށެވެ.

އަދީލް ބުނީ ފައިނަލަށް ދިއުމަށް އެޅުނު އެންމެ ބޮޑު ހުރަހަކީ މެޗު ޝެޑިއުލް ކަމަށާއި މުބާރާތުގައި ކުޅުންތެރިން ދެއްކި ކުޅުމާއިމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށްވެސް އަދީލް ބުންޏެވެ.

"އަސްލު ޝެޑިއުލް އޮތްގޮތުން މިހެންވީ، މުޅި މުބާރާތުގަވެސް ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް، އެކަމު ދުވާލަކު މެޗެއް ކުޅެން ޖެހޭއިރު، ފުރަތަމަ މެޗު ނިންމާފަ ކިރިޔާ ދެގަޑިއިރު މި ލިބެނީ ރިކަވަނީއަށް، ދެން އެންމެ ވަރުގަދަ ދެމެޗުވެސް މި ލައްވާލީ އެންމެ ފަހުން". އަދީލް ބުންޏެވެ.

މުބާރާތުގައި ވާދަކުރި ވެމްކޯ ޓީމްގެ އަމާޒަކީ ފައިނަލުން ޖާގަ ހޯދުމެވެ. ނަމަވެސް އަދީލް ބުނީ، މިއީ ރާއްޖެއިން ބޭރުގެ ކްލަބް ލެވެލް މުބާރާތެއްގައި ދިވެހި އަންހެން ޓީމެއް ބައިވެރިވި ފުރަތަމަ ފަހަރުކަމުން މެޑައްޔަކާއިއެކު މުބާރާތް ނިންމާލުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.