ތިމާވެށި

ތިލަފުށްޓަށް ކުނިއެޅުން ހުއްޓާލައި ކުނި ނައްތާލެވޭނެ އާ ނިޒާމެއް


ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެތެރޭ ތިލަފުށްޓަށް ކުނިއެޅުން ހުއްޓާލައި ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ކުނި ނައްތާލެވޭނެ މުޅިން އާނިޒާމެއް ރާއްޖޭގައި ޤާއިމްކުރެވިގެންދާނެ ކަމަށް އިކޮނޮމިކް ކައުންސިލްގެ ކޯޗެއަރ އަދި މިނިސްޓަރ އޮފް ޓޫރިޒަމް އަހުމަދް އަދީބް ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ވިލިމާލޭގައި ފަށާފައިވާ 'ވަން ނޭޝަން ކޮރަލް ރިވައިވަލް ހަރަކާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.މިނިސްޓަރ އަދީބް ވިދާޅުވިގޮތުގައި ތިލަފުށްޓަށް ކުނިއަޅައިގެން ކުނި އަންދައިގެން ކުނިނައްތާލާގޮތަށް މިހާރު ފަރުމާކުރެވިފައިވާ ނިޒާމަކީ ކުރިއަރާފައިވާ މިޒަމާނަށް ރާއްޖެއާއި އެންމެ އެކަށީގެންވާ ނިޒާމެއް ނޫންކަމަށެވެ.މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ބައެއް ފަތުރުވެރިން، ރާއްޖޭގައި އަލިފާން ފަރުބަދަ ހުންނަނީތޯ މި ސުވާލު ކުރަމުންދާކަމަށާ، ރާއްޖެމަތިން އުދުހޭއިރު މާލެކައިރިން ތިލަފުށިން ދުންއަރައަރާހުންނަ މަންޒަރަކީ ފަތުރުވެރިންގެ ހިތުގައި މިފަދަ ތަފާތު ޝުއޫރު އުފެދޭ މަންޒަރެއްކަމަށެވެ. އެހެންކަމުން ތިލަފުށި ބަންދުކުރުމުގެ ޕްލޭންތައް ސަރުކާރުން މިހާރު ރާވަމުންދާކަމަށާއި ބޭނުންފުޅުވަނީ ރާއްޖޭގެ ނާޒުކް ތިމާވެށްޓާއި އެންމެ ރަހުމަތްތެރި ނިޒާމެއްގެތެރެއިން ކުނި ނައްތާލުމުގެ މަސައްކަތް ކުރެވެމުންދިޔުންކަމަށް ވިދާޅުވިއެވެ.މިކަންކުރުމަށްޓަކައި ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނެގުމަށް ހަމަޖެހިފައިވާ ގްރީން ޓެކްސް މިއަހަރުގެ ނޮވެމްބަރ މަހުން ފެށިގެން ނަގަން ފަށާނެ ކަމަށާއި އެ ޓެކްސް އިން ލިބޭ ފައިސާއިން ރާއްޖޭގެ ވޭސްޓް މެނޭޖްމަންޓްގެ އާނިޒާމެއް ގާއިމުކޮށް ކުނިނައްތާލުމުގެ މަސައްކަތް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ އަދީބް ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމުގައި ދިވެހިންގެ ހޭލުންތެރިކަން އަދިވެސް ހުރީ އެންމެ އެދެވޭގޮތުގައި ނޫންކަމަށާއި ތިމާވެށި ހިމާޔަތްކުރުމަށް މިހާރަށް ވުރެއް ބޮޑު އިސްކަމެއް ދީގެން އެއްމެން އެކުގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށްޓަކައި ދެ ދުވަހުގެ މުއްދަތަކަށް ވިލިމާލޭގައި ކުރިއަށް ގެންދާ މި ހަރަކާތުގެ ތެރޭގައި މުރަކަ އާލާކުރުމާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން އަމަލީ ގޮތުން އާއްމުންނަށް މުރަކު އިންދުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މީގެ އިތުރުން ތިމާވެއްޓާއި ގުޅޭ މައުލޫމާތު ދިނުމުގެ ސްޓޯލްތަކެއް ވެސް މި ހަރަކާތުގެ ތެރޭގައި ހިމެނެއެވެ.ސޭވް ދަ ބީޗްގެ ފަރާތުން ކުރިއަށް ގެންދާ ކޮރަލް ރިވައިވަލް ހަރަކާތުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބިން ހިއްކުމަށްޓަކައި މިދިޔަ ނޮވެމްބަރުމަހުގެތެރޭ އެ ފަރުތަކުން މުރަކަ ނަގައި އެ މުރަކަތައް ވަނީ ވިލިގިލީ ފަރުގައި ކާމިޔާބުކަމާއި އެކު އާލާކޮށްފައެވެ.