ޚަބަރު

ސީދާ ގޮތެއްގައި އެމެރިކާއާ ވާހަކަދައްކަވަން ރޫޙާނީ އިންކާރުކުރައްވައިފި


އެމެރިކާއާ ސީދާ ގޮތެއްގައި ވާހަކަނުދައްކާނެކަމަށް އީރާނުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ރަސްމީ ޓީވީން ދުރަށް ފޮނުވި އެ ޤައުމުގެ ޕާލަމެންޓްގެ ޖަލްސާއެއްގައި ވާހަކަދައްވަމުން ރޫޙާނީ ވިދާޅުވީ އެމެރިކާއާ ވާހަކަތައް ފެށުމަށް އީރާނަށް ހުށަހެޅުންތައް ލިބެމުންދާކަމަށާ އީރާނުން އެކަމާ ދެކޮޅު ހަދަމުންގެންދާކަމަށެވެ. ނަމަވެސް އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލައިފިނަމަ ނިއުކްލިޔާ އެއްބަސްވުމުގައި ޝާމިލްވާ އެހެން ޤައުމުތައްވެސް ހިމެނޭގޮތަށް އީރާނުން އެމެރިކާއާ ވާހަކަދައްކަފާނެކަމަށް ރޫޙާނީ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ނިއުކްލިޔާ އެއްބަސްވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޝަރުތަކާނުލައި އީރާނުގެ ލީޑަރުންނާ ސީދާގޮތެއްގައި މަޝްވަރާކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ. އީރާނުގެ ލީޑަރުންނާ ބައްދަލުކުރައްވަން ޓްރަމްޕް ތައްޔާރަށް ހުންނެވިކަން ޑިޕްލޮމެޓިކް ޗެނެލްތައް މެދުވެރިކޮށްވެސް އެމެރިކާއިން އެތައްފަހަރަކު އަންގާފައިވާކަމަށް އީރާނުގެ މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ.

އީރާނުންވަނީ އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ލިބޭ ގެއްލުންތައް ފޫބެއްދުމުގައި ޔޫރަޕުން ހަރަކާތްތެރިނުވާނަމަ ނިއުކްލިޔާ އެއްބަސްވުމަށް ފުރިހަމައަށް ޢަމަލު ނުކުރާނެކަން ޔޫރަޕަށް އަންގައި ނިއުކްލިޔާ އެއްބަސްވުމުގައި ހިމެނޭ ބައެއް ބައިތަކަށް އަމަލުކުރުން ހުއްޓާލާފައެވެ.

މިކަމަށް އިޝާރާތްކުރައްވައި ރޫޙާނީވަނީ ޔޫރަޕުން އީރާނުގެ ތެޔޮ ގަނެ އޭގެ އަގަށްވާ ބޭރުފައިސާ އީރާނަށް ލިބޭނަމަ އީރާނުގެ އިޤްތިސާދަށް ލުއިލިބޭނެކަމަށާ މިހެން ނުވާނަމަ ދެންއަޅަންޖެހޭ ފިޔަވަޅުތައް އީރާނުން އަޅާނެކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.