ޚަބަރު

ފަސްވަނަ ބައިނަލްއަޤްވާމީ ޓީޗަރސް ކޮންފަރެންސް އައްޑޫ ސިޓީގައި ފަށައިފި


ފަސްވަނަ ބައިނަލްއަޤްވާމީ ޓީޗަރސް ކޮންފަރެންސް އައްޑޫ ސިޓީގައި ފަށައިފިއެވެ. މި ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިޞަލް ނަޞީމްއެވެ.

މިއަދާއި މާދަމާ އައްޑޫސިޓީ ހިތަދޫ، ޝަރަފުއްދީން ސްކޫލުގައި ކުރިއަށްގެންދާ ފަސްވަނަ ބައިނަލްއަޤްވާމީ ޓީޗަރސް ކޮންފަރެންސްގައި 250 ފަރާތަކުން ބައިވެރިވާކަމަށް ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން، އެންއައިއީއިން މަޢުލޫމާތުދެއްވައެވެ. މި ކޮންފަރެންސަކީ އެންއައިއީން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ ކޮންފަރެންސެކެވެ.

މީގެ ކުރިން މީގެ 4 ކޮންފަރެންސް މާލެ ސަރަހައްދުގައި ބާއްވާފައިވާއިރު މިއީ، މާލެ ސިޓީ ނޫން ސަރަހައްދެއްގައި މިކޮންފަރެންސް ބާއްވާ ފުރަތަމަ ފަހަރެވެ. މި ކޮންފަރެންސް އައްޑޫ ސިޓީގައި ބާއްވަނީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތަށް އެއްބާރުލުން ދިނުމުގެ އިތުރުން މާލެ ސަރަހައްދުން ބޭރު އެންމެ ބޮޑު ޓީޗަރުންގެ އާބާދީއެއް އައްޑޫގައި އޮތުމާއެކު ދިވެހި ވަންތަކަން މިކޮންފަރެންސުގެ ތެރެއިން ދެއްކުމުގެ މަޤްޞަދުގައި ކަމަށް އެންއައިއީން ވިދާޅުވެއެވެ. އަދި މިއަހަރުގެ ކޮންފަރެންސްގައި އެންމެ ގިނައިން ކަރުދާސް ހުށައަޅަނީ އައްޑޫ ސިޓީންކަމަށްވެސް އެންއައިއީން ވިދާޅުވެއެވެ. މި ކޮންފަރެންސްގައި 98 ކަރުދާސް ހުށައެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ 4 ވަނަ އިންޓަރނޭޝަން ޓީޗަރެސް ކޮންފަރެންސްގެ ކަންކަން ހިމަނާފައިވާ ފޮތެއް ނެރެފައެވެ. މި ފޮތް ނެރެދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީއެވެ. މި ފޮތް ނެރެދެއްވާ ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޢަލީ ވަނީ ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭ ޓީޗަރުންނަށް ޚާއްސަކޮށްގެން އެކި ފެންވަރުގެ މާހާސިންތާތައް ބާއްވާފައިވަކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ތަޢުލީމީ ނިޒާމް ކުރިއަރުވާ ހަރުދަނާކުރުމަށް އެކި މަސައްކަތްތައް ކޮށްފައިވާކަން ފާހަގަކޮށް މިނިސްޓަ ވަނީ މިދާއިރާގެ ކަންކަން ކުރިއެރުވުމަށް ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަން ވެސް ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ތަޢުލީމީ ދާއިރާ ކުރިއަރުވާ ކާމިޔާބު ދަރިވަރުން އުފެއްދުމަށްޓަކައި މުދައްރިސުންގެ ދައުރުގެ މުހިންމުކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިފަހަރުގެ ކޮންފަރެންސްގައި މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ ތަޢުލީމީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާމެދު ވަކިވަކި ޤައުމުތަކާއި ވަކިވަކި ފަރުދުން ދެކޭގޮތް ދެނެގަތުމަށެވެ. މި ކޮންފަރެންސްގައި ރަޖިސްޓްރީވުމަށް ވަކި ފީއެއް ދައްކަންޖެހޭއިރު، ދިވެހި ޓީޗަރުންގެ ރަޖިސްޓްރޭޝަން ފީ، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްޕޮންސަރކޮށްދީފައެވެ.

ޓީޗަރުންނަށް އަމާޒުކޮށްގެން ބާއްވާ މިކޮންފަރެންސަކީ ސްކޫލްތަކުގައި މަސައްކަތް ކުރާ ޓީޗަރުންގެ މެދުގައި ދިރާސާ ކުރުމުގެ ސަޤާފަތެއް ޤާއިމްކުރުމަށާއި ޢިލްމީ މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ފަރާތްތަކަށް ރާއްޖެ ހުޅުވާލުމަށް ކުރިއަށް ގެންދާ ކޮންފަރެންސެކެވެ. މިކޮންފަރެންސް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެމީހުންގެ މަސައްކަތްތައް ހިއްސާކުރާނެ ޕްލެޓްފޯމެއް ހުޅުވައިދީ، ހުށަހެޅޭ ޢިލްމީ ދިރާސާތަކާއި މަސައްކަތްތަކުގެ އަލީގައި ސްކޫލްތަކުގެ ކިޔަވައިދިނުމަށް ރަނގަޅު ބަދަލުތަކެއް ގެނެއުމަކީ މި ކޮންފަރެންސް ބޭއްވުމުގެ މުހިއްމު މަޤުޞަދެއްކަމަށް އެން.އައި.އީން ވިދާޅުވެއެވެ.

5 ވަނަ ޓީޗާރސް ކޮންފަރެންސްގެ ޕާޓްނަރެއްގެގޮތުގައި އެން.އައި.އީއާއެކު އިންޑިއާގައި ހުންނަ، ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްއިންވެސް ބައިވެރިވެއެވެ.