ޚަބަރު

މުވައްސަސާތައް ގުޅިގެން މިނިވަންދުވަހު ދެއްކީ މިނިވަންކަމުގެ ބޮޑު ރަމްޒެއް - ހޯމް މިނިސްޓަރ


މިނިވަންދުވަހު މިނިވަންކަމުގެ އެންމެ ބޮޑު ރަމްޒެއް ދެއްކީ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ދެއްކި ނަމޫނާއިން ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަހަރު ފާހަގަކުރި 54 ވަނަ މިނިވަން ދުވަހުގެ ޙަރަކާތްތައް އިންތިޒާމު ކުރުމުގައި ޙަރަކާތްތެރިވި ފަރާތްތަކުގެ އަގުވަޒަންކުރުމަށް ހޯމް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޤައުމީ ފެންވަރުގައި މިނިވަންކަން ދެމެހެއްޓޭނީ އެޤައުމެއްގެ އެންމެ ގުޅިގެން ކުރާ މަސައްކަތާއި ވާ ޤުރުބާނީ ތަކަކުން ކަމަށެވެ. އަދި މިނިވަންކަން ދެމި އޮންނާނީވެސް އެތަނެއްގެ އެންމެގެ މެދުގައި އޮންނަ ބަދަހި ގުޅުމާއި އެކުވެރިކަން ދަމަހަށްޓައިގެން ކަމަށް މިނިސްޓަރ ވިދާޅުވިެއެވެ. އަދި މިކަން އެންމެ ފަހުން ފެނިގެން ދިޔައީ 54 ވަނަ މިނިވަން ދުވަހުގެ ޙަރަކާތްތައް ރާވާ އިންތިޒާމު ކުރުމަށް ހޯމް މިނިސްޓްރީއާއެކު ހުރިހާ މުއައްސަސާތަކާއި ޖަމްޢިއްޔާ ތަކާއި ސްކޫލްތަކުން ގުޅިގެން ކުރި މަސައްކަތުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައިވަނީ މިނިވަންދުވަހުގެ ރަސްމިއްޔާތުގެ އެކި ކަންކަމުގައި ބައިވެރިވެ އެޙާރަކާތް އެންމެ ފުރިހަމަ ގޮތުގައި އިންތިޒާމު ކުރުމަށް މަސައްކަތް ކުރި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ސްކޫލްތަކަށް ޝުކުރު އަދާކޮށް ހަނދާނީ ލިޔުންވަނީ ޙަވާލުކޮށްފައެވެ.