ސިޔާސީ

ޔަޒީދުގެ މަޤާމު ގެއްލޭގޮތަށް ޓެކްސްނެގުމާއިބެހޭ އިދާރީ ޤާނޫނު އިޞްލާހުކޮށްފި


ކޮމިޝަނަރަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދުގެ މަޤާމު ގެއްލޭގޮތަށް ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނަށް ހުށައެޅި އިޞްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި އިޞްލާހު ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ޓެކްސްނެގުމާ ބެހޭ އިދާރީ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށައެޅުއްވި އިޞްލާހު ކޮމިޓީން ދިރާސާކުރައްވާ މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައިވަނީ ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ބޯޑުގެ ހުރިހާ މެންބަރުންގެ މަޤާމު ގެއްލޭގޮތަށެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުން މިއަދު ގެނައި އިޞްލާހުގައި ވަނީ މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވުމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު އެކަނި ގެއްލޭގޮތަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ މި އިސްލާހު ތަސްދިޤްކުރައްވާތާ 30 ދުވަހުގެ ތެރޭގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގައި މިހާރު ހުންނެވި ޔަޒީދު މުޙައްމަދުގެ މަޤާމު ގެއްލޭނެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް މަޖިލީހުން ގެނައި އިޞްލާހުގައި ބުނެފައިވަނީ މީރާގެ ބޯޑު އެކުލެވިގެން ވަނީ 7 މެމްބަރުންގެ މައްޗަށްކަމަށެވެ. އެއީ ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާ ބެހޭ ސިޔާސަތުތަކާއި ގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާފައިވާ މީހަކާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ފަސް މެމްބަރުންނާއި، ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންއެވެ.

މީރާގެ ބޯޑަށް މެންބަރުން އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުކަމަށްވެސް މިއަދު ފާސްކުރި އިޞްލާހުގައިވެއެވެ. އަދި މީރާގެ ބޯޑާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުންކަމަށްވެސް ބުނެފައިވެއެވެ.