ޚަބަރު

މައްކާގައި ބާއްވާ ޤުރުއާން މުބާރާތެއްގެ ފަނޑިޔާރު ކަމަށް ޝައިޚް އިލްޔާސް


މައްކާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގެ ފަނޑިޔާރުކަން ކުރުމަށް ޝައިޚް އިލްޔާސް ހުސެއިން ހަމަޖެހިއްޖެއެވެ.

މިމުބާރަތަށްޓަކައި އައްޑުއަތޮޅު ހިތަދުއަށް ނިސްބަތްވާ ޝައިޚް އިލްޔާސް ޙުސައިން، ވަނީ، އިއްޔެ ހެނދުނުގެ ވަގުތެއްގައި ސަޢޫދީ ޢަރަބިއްޔާއަށް ފުރައިވަޑައިގެންފައެވެ.

ޝައިޚް އިލްޔާސް ފަނޑިޔާރު ކަން ކޮށް ދެއްވަން ހަމަޖެހިފައިވަނީ، ސަޢޫދީ ޢަރަބިއްޔާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެއް ކަމަށްވާ ކިންގް ޢަބްދުލް ޢަޒީޒް އިންޓަނޭޝަނަލް ޤުރުއާން މުބާރާތެވެ.

މިމުބާރާތުގައި ދުނިޔޭގެ 103 ޤައުމަކުން 146 މީހުން ބައިވެރިވެއެވެ. މިއީ މިގޮތަށް ބޭއްވޭ 41 ވަނަ މުބާރާތެވެ. މިމަހުގެ 8 އިން 11 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި އެންމެ މޮޅު ބައިވެރިއަކަށް 67000 ޑޮލަރުގެ އަގުހުރި އިނާމެއް ލިބެއެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އެކި ބައިތަކުން 13 ފަރާތަކުން ވަނީ ވަނަތަށް ޙާޞިލް ކޮށްފައެވެ.