ކުޅިވަރު

ދެވަނަ މެޗް ކާމިޔާބުކޮށް ވެމްކޯއިން އުންމީދު އައުކޮށްފި


ސްރީލަންކާގައި މިހާރު ކުރިއަށްދާ ރުޕަވަހީނީ ކްލަބް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ސުޕަ ލީގުގެ އަންހެން ބައިގައި ރާއްޖޭގެ ކްލަބް ވެމްކޯއިން ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށްފިއެވެ.

ވެމްކޯ މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ ނޭޝަނަލް ޔޫތް ސަރވިސެސް ކައުންސިލްއާއި ދެކޮޅަށެވެ. މިމެޗް ވެމްކޯއިން ކާމިޔާބުކުރީ ސީދާ ތިންސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ދެޓީމުންވެސް ފަށާފައިވަނީ ވާދަވެރިކޮށެވެ. ނަމަވެސް ސެޓުގެ ވަކި ހިސާބަކުން ވެމްކޯއިން ވަނީ ކުޅުން ވަރުގަދަކޮށް ފަސޭހަކަމާއެކު 25-10 ސެޓު ކާމިޔާބުކޮށްފައެވެ.

ދެވަނަ ސެޓު ވެމްކޯއިން ފެށީ ތަފާތު މޮޅު ކުޅުމަކާއެކުގައެވެ. އެގޮތުން ސެޓު ފަށައިގެން ވެމްކޯއިން ވަނީ 5-0ގެ ލީޑެއް ނަގާފައެވެ. ސެޓުގެ ފަހުކޮޅުގައި ވެމްކޯއިން ވަނީ ގިނަ ސާވިސްތަކެއް މިސްކޮށްލާފައެވެ. ނަމަވެސް އޭގެ ބޭނުން އެންމެ ރަނގަޅަށް އެންވައިއެސްސީއަށް ނުހިފުމާއެކު ވެމްކޯއިން ވަނީ ފަސޭހަކަމާއެކު 25-14އިން މިސެޓުވެސް ކާމިޔާބުކޮށްފައެވެ.

ތިންވަނަސެޓަށް ވެމްކޯއިން ނިކުތީ ބަދަލަކާ އެކުގައެވެ. އެގޮތުން މިސެޓު ވެމްކޯއިން ކުޅުނީ ބިދޭސީ ދެކުޅުންތެރިންވެސް ނުލައެވެ. ސެޓު ފެށިގެން ވެމްކޯއިން ވަނީ މޮޅު ކުޅުމެއް ދައްކައި 6 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ނަމަވެސް މިސެޓުގެވެސް ފަހު ކޮޅުގައި ވެމްކޯއަށް ގިނަ ގޯސްތަކެއް ހެދުނެވެ. އޭގެ ބޭނުންހިފައި އެންވައިއެސްސީ އިން ދެ ޕޮއިންޓަށް ލީޑު ހަނިކުރިއެވެ. ނަމަވެސް ޓައިމްއައުޓްގެ ބޭނުންހިފައި ވެންކޯއިން ކުޅުން ރަނގަޅުކޮށް 25-19އިން މިސެޓު ގެންގޮސް މެޗު ކާމިޔާބުކުރިއެވެ.

މެޗައްފަހު ވާހަކަ ދައްކަމުން އަޙްމަދު އަދީލްބުނީ، މުބާރާތުގެ ފުރަތަމަ މެޗާއި އަޅާ ބަލާއިރު މިމެޗުގައި ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް ކަމަށާއި، ފުރަތަމަ މެޗުގައި ދިގު ދަތުރެއް ކޮށްފައި އަންނަން ޖެހުމުން ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސް ކުރެވުނު ކަމަށެވެ. އަދީލް ބުނީ މިއަދުގެ މެޗައް ނިކުތީ ފުރަތަމަ މެޗުން ހެދުނު ގޯސްތަށް ބަލައި އެކަންތައްތަށް ރަނގަޅުކުރުން ވަރަށް ބޮޑަށް ކިޔައިދީގެން ކަމަށެވެ.

މިމުބާރާތުގައި ވެމްކޯ ވާދަކުރާ ތިންވަނަމެޗުގައި މިރޭ ސްރީލަންކާ އާމީ އާއި ދެކޮޅަށް ވާދަކުރާނެއެވެ. ވެމްކޯ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެމްއޭއެސް ކެސުއަލައިން އަތުން ބަލިވީ ވާދަވެރި ކުޅުމަކަށްފަހު 3-2ސެޓުންނެވެ.