ޚަބަރު

މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ޖެހޭ ބަލިތައް އެއްމެގިނައީ މިސަރަހައްދުގައި – އަމީން


ދިވެހި ރާއްޖެ ހިމެނޭ މިސަރަޙައްދަކީ މޫސުމަށް އަންނަ ބަދަލާއި ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ޖެހޭ ބަލިތައް އެންމެގިނަ ސަރަހައްދުކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުއްﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެންވިދާޅުވީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމިޓީގެ 72 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުންނެވެެ. މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ގިނަ ޤައުމުތަކުގެ މީހުން ޒިޔާރަތް ކުރާ ޤައުމަކަށްވުމުންނާއި މަސައްކަތުގެ މައިދާނުގައިވެސް ގިނަ ބިދޭސީން އުޅުމުގެ ސަބަބުން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށެވެ.

މިނިސްޓަރގެ ތަގުރީރުގައި ސިއްހީ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީތައްވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އާއި ސިފިލިސް ވާރުތު ނުވާ ގައުމެއްގެ ގޮތިގައި ރާއްޖެ ކަނޑައަޅާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެއާއެކު 2022ވަނަ އަހަރަށް ރާއްޖެއިން ޓީބީ ނައްތާލުމަށް އަމާޒު ހިފާފައިވާ ކަމަށާއި 2023ވަނަ އަހަރު ރާއްޖެއިން ލެޕްރަސީ ނައްތާލުމަށް އަމާޒު ހިފާފައިވާކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މި ސަރަޙައްދުގެ ޤައުމުތަކުގެ ރައްޔިތުންގެ ސިއްޙަތާގުޅޭ މުހިއްމު ކަންތައްތައް ކަނޑައަޅާ ސަރަޙައްދުގެ ސިއްޙީ ކުރިއެރުމަށް މަޝްވަރާކޮށް ކަންކަން ނިންމުމަށް އަހަރަކު އެއްފަހަރު ބާއްވާ އެންމެ މުހިއްމު ގަވަރނަންސް ބައްދަލުވުން ކަމަށެވެ.

މި ބައްދަލުވުމުގައި ހެލްތް މިނިސްޓަރގެ އިތުރުން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީއާއި ހެލްތް މިނިސްޓްރީގެ އިސްބޭފުޅުންގެ އިތުން އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސްބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.