ޚަބަރު

ދެމީހުންނާއި އެކު ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި މޫދަށް


ދެމީހުންނާއި އެކު ދަތުރުކުރި ކާރެއް ކޮންޓްރޯލް ނެއްޓި މޫދަށް ވެއްޓިއްޖެއެވެ. ފުލުހުން ވިދާޅުވީ މި ހާދިސާގައި ކާރުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

މިއަދު ހަވީރު 4:15 އެހާކަންހާއިރު ގދ.ތިނަދޫގައި ހިނގި މިހާދިސާގައި ކާރު މޫދަށް ވެއްޓިފައިވަނީ އެ ރަށު ހިއްކި ސަރަހައްދުން ދުއްވާފައި ދަނިކޮށް ކަމަށާއި ކާރު މޫދަށް ވެއްޓުނީ ރިވަރސްގައި ބައިންދާފައި، ބްރޭކް ޕެޑަލްގެ ބަދަލުގައި އޮޅިގެން ރޭސް ޕެޑަލްއަށް އޮއްބާލެވިގެންކަމަށެވެ.

ފުލުހުން ވިދާޅުވީ ކާރު ދުއްވަން އިނީ 18 އަހަރުގެ ފިރިހެނެއްކަމަށާއި އޭނާ އަތުގައި ޑްރަވައިން ލައިސްންސް އޮތް ކަމަށެވެ.

މޫދަށް ވެއްޓުނު ކާރު އަޑިއަށް ދިއުމުގެ ކުރިން އެކާރުގައި ތިބި ދެ މީހުންވަނީ ކާރުން ނުކުމެފައެވެ. އަދި ކާރު ވަނީ ކެރޭނެއްގެ އެހީގައި ނަގާފައެވެ.