ޚަބަރު

ރިޟްވާންގެ މައްސަލާއާއި އިންސާފު ޤާއިމްކުރުމުގެ މަސައްކަތް ފަށައިފިން - ޕީޖީ


އަހުމަދު ރިޟްވާން ޢަބްދުﷲގެ މައްސަލާއާއި އިންސާފު ޤާއިމްކުރުމުގެ މަސައްކަތް ޕީޖީ އޮފީހުން ފަށްޓަވައިފިއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަޙްޤީޤު ކުރާ ކޮމިޝަނުން ރިޟްވާންގެ މައްސަލަ އެ އޮފީހަށް ހުށަހެޅުމުން އިންސާފް ޤާއިމްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވީހާވެސް އަވަހަށް އަޅާނެކަމުގެ ޔަޤީންކަން އެ އޮފީހުން ވަނީ ދެއްވާފައެވެ. އަދި މިމައްސަލާގައި މިހާރު ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަޙްޤީޤު ކުރާ ކޮމިޝަނާއިއެކު މަސައްކަތް ފަށާފައިކަމަވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަޙްޤީޤު ކުރާ ކޮމިޝަނުން އިއްޔެ ބޭއްވި ޕްރެސް ކޮންފްރެންސްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ރިޟްވާން ގެއްވުލާލުމުގެ ފަހަތުގައި ހިމެނޭ މީހުން ހެއްކާއެކު ހޯދިފައިވާކަމަށެވެ. އޭނާ ވިދާޅުވީ ރިޟްވާން ގެއްލުވުމަށް ފަހު ދެންވީގޮތުގެ މަޢުލޫމާތު ތިން މީހަކު ކޮމިޝަނަށް ދީފައިވާކަމަށެވެ.

އެގޮތުން ރިޟްވާން ރަތްކާރަށް އެރުވިއިރު ކާރުގެ ކުރީގައި ދެމީހަކު ތިބިއިރު އޭގެތެރެއިން އެކަކީ މި މައްސަލާގައި ކުރިން ދައުވާކޮށްފައިވާ އާލިފް ރައޫފްކަމަށާ އަދި އެ ކާރުގެ ފަހަތުން ދެ ސައިކަލުގައި ބަޔަކު ދިޔަކަމަށްވެސް ސުޢޫދު ވިދާޅުވިއެވެ. އަދި އޭގެ ފަހުން ރިޟްވާން ޑިންގީއަކަށް އަރުވައިގެން ގޮސް ކަނޑު އުޅަނދަކަށް އެރުވުމަށްފަހު މަރާލާފައިވާކަމަށްވެސް ސުއޫދު ވަނީ ވިދާޅުވެފައެވެ.