ޚަބަރު

ސްރީލަންކާގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނަށް ދިވެހި ރަހަތަކާއެކު ޚާއްޞަ މަރުޙަބާއެއް


ދިވެހިންގެ ރަހަތަކާއި، ކެއިންބުއިމުގެ އާދަކާދަތަކަކީ، ދިވެހި ވަންތަކަން އެއިން ދައްކުވައިދޭ އެންމެ ބޮޑު އެއް ކަންތަކެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވަނީ، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން މައިތްރި ވިކްރަމަސިންހައަށް ދިވެވި ރަހަތަކާއެކު ޚާއްސަ ފަރިކޮޅެއް އަރުވާފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ޕްރޮފެސަރ މައިތްރި ވިކްރަމަސިންހައަށް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެގޮޅު، މުލިއާގެއިން މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މި މަރުޙަބާ ފާހަގަވެގެން ގޮސްފައި މިވަނީ ދިވެހި ވަންތަ އަދި ތަފާތު މަރުޙަބާއަކަށެވެ. އާންމުކޮށް ގޭގެއިން މެހެމާނުންނަށް ދިވެހި ކެއުންތައް ދޭގޮތަށް ރައީސްގެ އަނބިކަނބަލުން މިވަނީ ސްރީލަންކާގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނަށްވެސް މިފަދަ މަރުޙަބާއެއް ކިޔާފައެވެ. އެގޮތުން އެކަމަނާ މިވަނީ ދިވެހިން އެންމެ އިހު ޒަމާނުގައި ކެއިން ބުއިމަށް ބޭނުންކުރި ބައެއް ކެއުންތައް ލަންކާގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނަށް އަރުވާފައެވެ.

ޚާއްސަ ކަމެއްގެ ގޮތުގައި އެކަމަނާއަށްވަނީ "މަރސްޓަރ އޮފް އޮތެންޓިކް މޯލްޑިވިއަން ކުޒީން"ގެ ނަމުގައި ދިވެހި ކެއްކުމުގެ ހަރަކާތެއްވެސް ދައްކާލާފައެވެ. މި ކްޒީންގައި ދައްކާލާފައިވަނީ ދިވެހި "ކަށިކެޔޮ ބަތްޕެން" ކައްކާނެގޮތެވެ. އެގޮތުން ކަށިކެޔޮ ބަތްޕެއް ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި، ބަތްޕެން ކައްކާގޮތްވަނީ ވަގުތުން ދައްކާލާފައެވެ. އަދި ލަންކާގެ ބޮޑުވަޒީރުގެ އަނބި ކަނބަލުންނަށްވަނީ "ކަށިކެޔޮ ބަތްޕެން" ފަރިއްކުޅުއްވުމުގެ ފުރުޞަތުވެސް ދެއްވާފައެވެ.

މީގެއިތުރުން ދިވެހިން ލުއި ކެއުމުގެ ގޮތުގައި ކައިއުޅުނު، ބޮނޑިއާއި، މެޓާ ގަނޑާއި، ކަނަމަދުފަދަ ދިވެހިންނަށް ޚާއްސަ ކާތަކެތި ތަޖުރިބާކުރުމުގެ ފުރުޞަތުވެސް އެކަމަނާއަށް ވަނީ ދެއްވަފައެވެ. އަދި މި ތަކެތި އުފެއްދުމަށް ބޭނުންކުރާ ތަކެއްޗާއި، އުފައްދާގޮތްވެސްވަނީ ކިޔައިދެއްވާފައެވެ. މި ކުޒީން ހުށައަޅައިދީފައިވަނީ ދިވެހި 2 އަންހެން ޝެފުންނެވެ.

މި ކުޒީންގައި މުޅިންވެސް ހިމަނާފައިވަނީ ދިވެހިންނަށް ޚާއްސަ، ރާއްޖެއިން ލިބޭ ތަކެތިން ތައްޔާރުކުރާ ކެއުންތަކެވެ. މިއީ ދިވެހި ރާއްޖެއަށް ވަޑައިގެން މަތީފަންތީގެ ބޭފުޅެއްގެ އަނބިކަނބަލަކަށް އެރުވި މިފަދަ ފުރަތަމަ ފަރިއްކޮޅެވެ. މި ފަރިއްކޮޅަކީ ދިވެހިންގެ ސަޤާފަތް ދައްކާލައި، ދިވެހި ރަހަތަށް ތަޖުރިބާކޮށްލުމަށް ތައްޔާރުކުރި ފަރިއްކޮޅެކެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ލަންކާގެ ބޮޑުވަޒީރުގެ އަނބިކަނބަލުންވަނީ ޚާއްސަ ބައްދަލުކުރެއްވުމެއްވެސް ބާއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވަނީ، ސްރީލަންކާއާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ދެ ޤައުމުން ގުޅިގެން ކުރެވިދާނެ މަސައްކަތްކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖެއަށް ކުރެއްވި ދަތުރުފުޅައްޓަކައިވަނީ ލަންކާގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނަށްވަނީ ޝުކުރު އަދާކުރައްވާފައެވެ.

ބޮޑު ވަޒީރުގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ރާއްޖެ ފަދަ ޤައުމެއްގައި "އައިލެންޑް ޔުނިވަރސިޓީ" ތަސައްވަރަކާއި އެއްގޮތަށް މަސައްކަތް ކުރެވިއްޖެނަމަ ގިނަބައެއްގެ ސަމާލުކަން އެކަމަށް ހޯދިދާނެކަމަށް ވިދާޅުވެ މިފަދަ ތަސައްވަރަކަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން ވަނީ ހާމަކުރައްވާފައެވެ.

މި ޒިޔާރަތުގައި ސްރީލަންކާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން މުލިއާގެއަށް ވަޑައިގަންނަވާ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ވަނީ ސޮއި ކުރައްވާފައެވެ.