މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް، ޕީސީބީން ހާމަކޮށްފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އަށް 1.1 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް މިދިޔަ އަހަރު ލިބިފައިވާއިރު މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް މިދިޔަ އަހަރު ލިބުނު ކުންފުންޏެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތާއި ގުޅޭގޮތުން ޕީސީބީން ނެރެފައިވާ ކުންފުނިތަކުގެ އަހަރީ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓު، އެމްއޭސީއެލްއަށް 1.12 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބުނު 1.03 ބިލިއަން ރުފިޔާއާއި އަޅާ ބަލާއިރު 9 އިންސައްތަ އިތުރު އަދެކެވެ.
މިދިޔަ އަހަރު ދެވަނައަށް އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ ބޭންކް އޮފް މޯލްޑިވްސްއަށެެވެ. އެގޮތުން ހުސްވި އަހަރު ބީއެމްއެލަށް ސާފު ފައިދާގެ ގޮތުގައި 1.09 ބިލިއަން ރުފިޔާ ވަނީ ލިބިފައެެވެ. މިއީ 2017ވަނަ އަހަރާއި އަޅާ ބަލާއި %6 އިތުރު އަދަދެކެވެ.
ޕީސީބީގެ ރިޕޯޓުގައިވާ ގޮތުން ހުސްވި އަހަރު އެސްޓީއޯއަށް ލިބުނު ސާފު ފައިދާގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 14 މިލިއަން ރުފިޔާއެވެ. މިއީ 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 211 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 93 އިންސައްތަ ދަށް އަދަދެކެވެ.
އެސްޓީއޯއަށް ލިބުނު ސާފު ފައިދާގެ އަދަދު ދަށަށް ގޮސްފައިވަނީ ހުޅުމާލޭގައި ތަރައްޤީ ކުރުމަށް މަސައްކަތް ފެށި ހޮޓެލްގެ މަސައްކަތް ހުއްޓި މަސައްކަތް ކުރިއަށްގެންދާނެ ވަކި ގޮތެއް ނިންމިފައި ނުވުމުންނާއި، ކުންފުނީގެ އިދާރީ ޙަރަދުތައް އިތުރުވުމާއި ވިޔަފާރި ކުރުމަށް ހުސްވި އަހަރު ކޮށްފައިވާ ޙަރަދުތައް އިތުރުވެފައިވުމުންކަމަށް ޕީސީބީގެ ރިޕޯޓުގައިވެއެވެ.