ޚަބަރު

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް"މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކޮށްފި


އައްޑޫ ޓަރޝަރީ ހޮސްޕިޓަލް، "އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް"ގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކޮށްފިއެވެ.

އައްޑޫސިޓީގައި ތަރައްޤީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ހެއްދުމަށް ސަޢުދީ ފަންޑާއި، އޯޕެކް ފަންޑުން 20 މިލިއަނަށްވުރެ ގިނަ ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ.

ޢެލިއާ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ހެދި ހޮސްޕިޓަލް ޕްލޭނިންގ މިނިސްޓްރީއާއި ހަވާލުކޮށްފައިވަނީ އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށްފަހުއެވެ.

ޕްލޭނިންގ މިނިސްޓްރީއާއި އެ ހޮސްޕިޓަލް ހަވާލުކޮށްފައި މިވަނީ މިދިޔަ މެއިމަހުގެ 31 ވަނަ ދުވަހު އެ ހޮސްޕިޓަލް ހަވާލުކުރުމުން، އެ މިނިސްޓްރީން ހަދަންޖެހޭ އިންސްޕެކްޝަން ހެދުމަށްފަހު ރަނގަޅުކުރަންޖެހޭކަމަށް ފާހަގަކުރެވުނު ކަންކަން އަލުން އެ ކުންފުންޏާ ހަވާލުކުރުމުން އެކަން ރަނގަޅު ކުރުމަށްފަހުގައެވެ. އަދި މިހާރު ކުރިއަށްދަނީ އިކުއިޕްމަންޓް އިންސްޓޯލް ކުރުމުގެ މަސައްކަތްކަމަށާއި ނިމުނުހާ އަވަހަކަށް ހެލްތް މިނިސްޓްރީއާ ހަވާލުކުރާނެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ކޮންވެސްޝަން ސެންޓަރު ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށްޓަކައި އެ އިމާރާތައް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގައި މިހާރު ނުނިމިހުރީ ފަރުނީޗަރާއި، ބޭނުންވާ މެޝިނަރީތައް ހޯދުމުގެ މަސައްކަތް ކަމަށެވެ.

ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި، ފަރުނީޗަރު ހޯދުމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ "މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި" ހަވާލުކޮށްފައެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފަރުނީޗަރ ސަޕްލައިކޮށްދިނުމާއި، އިންސްޓޯލްކޮށްދިނުމާއި، މެޝިންތައް ޓެސްޓްކުރުމުގެ އިތުރުން އިކުއިޕްމަންޓުތައް ބޭނުންކުރާނެގޮތުގެ ތަމްރީނުވެސް ހޮސްޕިޓަލްގެ މުއައްޒަފުންނަށް ދޭން ޖެހެއެވެ.

މި މަސައްކަތް މެޑްޓެކްއާއި ހަވާލުކޮށްފައިވަނީ 3 މަހާއި 5 މަސް ދުވަހާ ދެމެދުގެ މުއްދަތެއްގައި ނިންމާގޮތަށެވެ. މި މަސައްކަތައް 12މިލިއަން ޑޮލަރަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2017ވަނަ އަހަރުގެ ޖެނުއަރީމަހުގައެވެ. އައްޑޫ ކޮންވެންޝަން ސެންޓަރަކީ 2011 ވަނަ އަހަރު ސާކް ސަމިޓް ބޭއްވެވުމަށް 300 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ޢިމާރާތްކުރެއްވި ބިނާއެކެވެ.