ޚަބަރު

ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމެޓީގެ 72 ވަނަ ބައްދަލުވުން ފަށައިފި


ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމެޓީގެ 72 ވަނަ ބައްދަލުވުން އިންޑިއާގެ ނިއުދިއްލީގައި ފަށައިފިއެވެ.

މިމަހުގެ ދެވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހާ ހަމައަށް ނިއުދިއްލީގައި ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖެއިން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީންއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މި ސަރަޙައްދުގެ 11 ޤައުމުގެ ސިއްޙަތާބެހޭ ވަޒީރުންނާއި ސިއްޙީދާއިރާގެ އިސްވެރިންނާއި ފަންނީ ބޭފުޅުން ހިމެނޭގޮތަށް މި ސަރަޙައްދުގެ ރައްޔިތުންގެ ސިއްޙަތާގުޅޭ މުހިއްމު ކަންތައްތައް ކަނޑައަޅާ ސަރަޙައްދުގެ ސިއްޙީ ކުރިއެރުމަށް މަޝްވަރާކޮށް ކަންކަން ނިންމުމަށް އަހަރަކު އެއްފަހަރު ބާއްވާ އެންމެ މުހިއްމު ގަވަރނަންސް ބައްދަލުވުމެވެ.

މިއަހަރުގެ ރީޖަނަލް ކޮމިޓީގައި ސިއްޙީ ދާއިރާއަށް ކުރިމަތިވާ އިމަރޖެންސީ ހާލަތްތަކާއި އެކަންކަމަށް ދުރާލާ ތައްޔާރުވެތިބުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމަށް ސަރަހައްދުގެ ސިއްޙީ ދާއިރާގެ އިސްވެރިންގެ ޚާއްސަ ރައުންޑު ޓޭބަލް ބައްދަލުވުމެއް މިމަހުގެ 3 ވަނަ ދުވަހު ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އަދި މިކަމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށްޓަކައި "ދިއްލީ ޑެކްލަރޭޝަން އެންޑް އިމަރޖެންސީ ޕްރިޕެއާޑްނަސް އިން ދި ސައުތު އީސްޓް އޭޝިޔާ ރީޖަން" ގެ ނަމުގައި ޤަރާރެއް ފާސްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިބައްދަލުވުމުގައި ސަރަހައްދީ ޤައުމުތަކުން ހޯދާފައިވާ އާންމު ސިއްޙަތުގެ ކާމިޔާބިތައް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު މި ސަރަޙައްދަށް ޚާއްސަ ސިއްޙީ މައްސަލަތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ޤައުމުތަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޓީބީ ނައްތާލުމަށް ޤައުމުތަކުގެ މެދުގައި ކުރެވެމުންދާ މަސައްކަތާއި ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާއި ގުޅިގެން ސިއްޙަތަށް ކުރާ އަސަރުތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ފެންވަރުގައި ހަދާފައިވާ އެކްޝަން ޕްލޭނާ މެދުވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ދުނިޔެއިން ނައްތާލުމަށް ޤައުމުތައް ގުޅިގެން ކުރެވެމުންދާ މަސައްކަތް ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންތައްތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސިއްޙި ދާއިރާއިން ކުރާ މަސައްކަތްތަކާމެދުވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ކުރިއަށް ރޭވިފައިވާ ވޯލްޑް ހެލްތް އެސެމްބްލީ އަދި އެގްޒެކެޓިވް ބޯޑް ބައްދަލުވުމާގުޅޭ ކަންކަމާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށް މި ސަރަޙައްދުގެ ޤައުމުތަކުން މި ބައްދަލުވުންތަކުގައި ހުށަހަޅާނެ ދާއިރާތައް ކަނޑައަޅާނެއެވެ. މިއަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ސިއްޙިދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރާވާފައެވެ.

މި ބައްދަލުވުންތަކުގައި ސިއްޙިދާއިރާގެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ސިއްޙީދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވާރާކުރާނެއެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން ހެލްތް މިނިސްޓަރގެ އިތުރުން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީއާއި ހެލްތް މިނިސްޓްރީގެ އިސްބޭފުޅުންގެ އިތުން އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސްބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.