ޚަބަރު

ލަންކާއިން ދިވެހިންނަށް 3 މަސްދުވަހުގެ އޮން އެރައިވަލް ވިސާ


ސްރީލަންކާއިން ދިވެހިންނަށް އޮންއެރައިވަލް ވިސާ ތިން މަސްދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުގައި ސޮއިކުރައްވާފައިވަނީ ސްރީލަންކާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ ވާހަކަތަކަށްފަހުގައެވެ. ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއެވެ.

ރާއްޖެއާއި ސްރީލަންކާއާ ދެމެދު ވެވުނު ވިސާ އެއްބަސްވުމުގެ ދަށުން ސްރީ ލަންކާއަށް ދަތުރުކުރާ ދިވެހީންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ހިލޭ ހަމަޖެހިގެންދާނެއެވެ. އަދި ދެޤައުމުގައިވެސް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް މަލްޓިޕްލް އެންޓްރީ ބިޒްނަސް ވިސާ ހަމަޖެހިގެންދާއިރު، ލަންކާގައި ތަޢުލީމު ޙާޞިލުކުރާ އަށާރަ އަހަރުން ދަށުގެ ދިވެހި ދަރިވަރުންނާއި އެދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް ވިސާގެ އެއްބަސްވުމަށް މިގެންނެވި ލުއިފަސޭހަކަމުގެ ބޭނުން ހިފޭނެއެވެ.

އަލަށް މި ވެވުނު ވިސާ އެއްބަސްވުމުގެ ސަބަބުން ބޭސްފަރުވާއަށާއި، ތަޢުލީމް ޙާސިލްކުރުމަށާއި، އެނޫންވެސް ބޭނުންތަކަށް ލަންކާއަށްދާ ދިވެހިންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. ލަންކާގައި ފަނަރަ ހާހާއި ހާތްކުރާ ޢަދަދަކަށް ދިވެހިން ދިރިއުޅެމުންދެއެވެ.