ވިޔަފާރި

ފަތުރުވެރިކަން ސިންދަފާތުކުރުމަށްޓަކައި ސަޤާފަތާއި އާދަކާދަ މުހިއްމު ދައުރެއް އަދާކުރާނެ


ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުމަށްޓަކައި ދިވެހިންގެ ސަޤާފަތާއި އާދަކާދަ މުހިއްމު ދައުރެއް އަދާކުރާނެކަމަށްް މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިޒޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރ އަތޮޅު މާމުނައުގައި އަލަށް ތަރައްޤީކުރި "އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު
ރިޒޯޓު" ރަސްމީކޮށް ހުޅުވުމުގެ ޙަފުލާ ކުރިއަށް ދިޔައީ ދިވެހިންގެ ސަޤާފީ އެކި ހަރަކާތްތަކާއި، ދިވެހިވަންތަ ކުލަތަކާއިއެކުއެވެ.

ރިޒޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤުބަލް ބައްޓަންކުރުމުގެ ތެރެއިން، ފަތުރުވެރިކަން ސިންދަފާތުކުރުމަށްޓަކައި ދިވެހިންގެ ސަޤާފަތާއި އާދަކާދަ މުހިންމު ދައުރެއް އަދާކުރާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، ދިވެހި އާޓިސްޓުންނަށް އެރަސްމިއްޔާތުގައި ބައިވެރިވުމަށް ރިޒޯޓުން ފުރުޞަތު ދެއްވިކަމާއި، މިނޫންވެސް ދިވެހި ފަންނުވެރިންގެ ހުނަރު ކުރިއެރުވޭނެ ގޮތްތައް މަގުފަހިކޮށްދިނުމަށް ރިޒޯޓުގެ މެނޭޖްމަންޓުން އަހައްމިއްޔަތުކަން ދެއްވާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އަދި ރިޒޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން %50 އަކީ ދިވެހިންނަށް ވުމުން، ދިވެހިންގެ ބައިވެރިވުމާއިއެކު ރިޒޯޓު ހިންގުމަށް ފުރުޞަތު ތަނަވަސްކޮށްދެވިފައިވާކަމަށް މިނިސްޓަރ ވަނީ ރިޒޯޓުގެ މެނޭޖްމަންޓަށް ޝުކުރު އަދާކޮށްފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަވާލުވިފަހުން ދިވެހިރާއްޖޭގައި ހުޅުވިގެންދިޔަ 16 ވަނަ ރިޒޯޓެވެ. އާ ސަރުކާރު ވެރިކަމާ ހަވާލުވިފަހުން މުޅިން އާ 16 ރިޒޯޓް ޓޫރިޒަމް މިނިސްޓްރީން ވަނީ އޮޕަރޭޓިންގ ލައިސަންސް ދޫ ކޮށްފައެވެ. މި 16 ރިޒޯޓާއެކު ޖުމްލަ 4240 އެނދު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރުވެގެން ގޮސްފައެވެ.

ރ. އަތޮޅު މާމުނާގައުގައި ތަރައްޤީކޮށްފައިވާ އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓުގައި 81 ކޮޓަރި ހުރެއެވެ. އޭގެ ތެރޭގައި ބީޗު ވިލާ އާއި، ލެގޫން ވިލާތަކުގެ އިތުރުން އޮވަރ ވޯޓަރ ވިލާ ހިމެނެއެވެ. ހުރިހާ ކޮޓަރިއެއްގައިވެސް ޕްރައިޓް ޓެރެސްއެއް އަދި ޕޫލެއް ހުންނާނެކަމަށް އިންޓަރ ކޮންޓިނެންޓަލުން ހާމަކުރެެއެވެ.

އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓުގައި އެކި ކަހަލަ ކެއުންތައް ލިބޭ 6 ރެސްޓޯރެންޓު ހުރެއެވެ. އަދި ސްޕާއެއްގެ ޙިދުމަތާއި ތަފާތު އެކި ކަހަލަ މޫދު ކުޅިވަރުތަކަށް ޙާއްސަ ވޯޓަރ ސްޕޯޓްސް ސެންޓަރއެއްވެސް އެ ރިސޯޓުގައިހުރެއެވެ.