ޚަބަރު

ޖަޒީރާ ދިރިއުޅުމުގެ ހިތްފަސޭކަން ރައްޔިތުންނާއި ހަމައަށް!


ރާއްޖެއަކީ ކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ގުދުރަތީ ރީތިކަން އިންތިހާއަށް ލިބިފައިވާ މުއްސަނދި ޤައުމެކެވެ. ނަމަވެސް މި މުއްސަދިކަން ފާއިތުވެދިޔަ މާޒީގައި ބޭނުންކުރެވިފައިވޭތޯއާއި، މި މުއްސަނދިކަމުގެ ބޭނުން ދިވެހިންނަށް ކުރަންލިބިފައިވާވަނީ ކިހާމިންވަރަކަށްތޯ ސުވާލުކޮށްލަންޖެހެއެވެ.

ފަހުގެ ތާރީޚުގައި ވަކިން ޚާއްސަކޮށް ރާއްޖެއަށް ޒަމާނީޑިމޮކްރަސީ ތަޢާރަފްވިފަހުން އައި ސަރުކާރުތަކުގައި ރާއްޖޭގެ ޤުދުރަތީ މުއްސަދިކަމާއި، ޖަޒީރާވަންތަ ހިތްގައިމު ރަށްތަކުގެ ބޭނުން އެންމެ އެކަށޭނަ ގޮތްތަކުގައިވަނީ ނުކުރެވިފައެވެ. ފެނިގެން ގޮސްފައިވަނީ ރަށްތަކާއި، ފަޅުތަކާއި، ބިންތަކަކީ ސިޔާސީ މަންފާއާއި މާލީ މަންފާތަކަށް ދޫކޮށްލެވޭ މުދަލެއްގެގޮތުގައެވެ. މިމަންޒަރު ބަދަލުކޮށް ރާއްޖޭގެ ޖަޒީރާވަންތަ ދިރިއުޅުން އަލުން އިޢާދަކުރެއްވުމަށް ކަމަރު ބެންނެވީ މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް ހުށަހެޅުއްވި މެނިފެސްޓޯގެ އެންމެ މުހިންމު އެއްބަޔަކީވެސް ޖަޒީރާ ދިރިއުޅުމެވެ. މި ނިޒާމުގެ އެންމެބޮޑު ބޭނުމަކީ މަރުކަޒީ ސަރުކާރުގެ ބާރުތައް ބަހާލައި ރަށްރަކަށްވެސް ހިންގުމުގެ ބާރު ލިބޭނެގޮތަކަށް ބާރުތައް ދޫކޮށްލުމެވެ. މީގެ އިތުރުން ކައުންސިލްތަކަށް ޢާމްދަނީއާއި ޓެކްސް ލިބޭ ނިޒާމް ކަށަވަރުކުރުމާއި، އިޚްތިސާސް ހިނގާ ސަރަހައްދުތަކުގެ އެއްގަމާއިކަނޑު ކައުންސިލްތަކަށް ކަށަވަރު ކޮށްދިނުމާއި، ކައުންސިލްތަކާއި އާސާރީ ތަންތަން ބެލެހެއްޓުމާއި، ޤައުމީ ތަރިކައާއި ދިވެހިބަސް ރައްކާތެރި ކުރުމުގެ އިތުރުން ރައްޔިތުން ބާރުވެރިކުރުވުމެވެ.

މި އުސޫލުތަކާއި ހަމަތައް ރާއްޖެއަށް ގެނައުމަށް ލާމަރުކަޒީ ނިޒާމަށް ބޮޑެތި އިސްލާޙްތަކެއް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާއިރު މިކަންކަން ތަންފީޒުވާނެކަމުގެ ޔަގީންކަމާއި އިތުބާރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ. ރަށްތަކުގެ ވަށައިގެންވާ އާމްދަނީ ލިބޭނެ ވަސީލްތަތަކާއި، ބިންތަކާއި، ފަޅުތަކާއި، މިނޫންވެސް ވަސީލަތްތައް ކައުންސިލްތަކަށް ދެއްވުމަކީ ސަރުކާރުގެ ސިޔާސަތެވެ.

ޖަޒީރާވަންތަ ދިރިއުޅުމަކަށް ދިވެހިން އަހުލުވެރިކުރުވައި ރާއްޖޭގެ ގުދުރަތީ މުއްސަދިތަކަން ފެންނަން ހުންނާނޭގޮތަކަށް ކަންކަން ރޭވުމަކީ ސަރުކާރުގެ ސިޔާސަތެވެ. ރާއްޖޭގައިވާ އާސާރީ ތަރިކަތަކާއި، ބިނާތަކާއި، މިނޫންވެސް މިފަދަ ތަންތަނަކީ ހިމާޔަތްކުރެވިފައިވާ ތަންތަންކަމުގައި ހެދުމަށް ރައީސުލް ޖުމްހޫރިއްޔާވަނީ ޚާއްސަ މިނިސްޓްރީއެއް އުފައްދަވައި، މިހާތަނަށްވެސް ނެތެމުން، ގެއްލެމުންދިޔަ އެތައް ތަނެއް ޙިމާޔަތްކޮށްދެއްވާފައެވެ. ރައްރަށުގެ ގޮޑުދޮށްތަކާއި، ރަށުތެރޭގެ ރީތިކަންވެސް ޖަޒީރާވަންތަ ގޮތަކަށް ބައްޓަންކުރުމަށް ކައުންސިލްތައް މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ކަނޑައަޅުއްވާފައެވެ. ވެރިކަންކުރާ މޭލޭގެ މަލަމަތިވެސް ޖަޒީރާވަންތަ ހިއްފަސޭހަ ތަނަކަށް ހެދުމަށްޓަކައި، ސިޓީކައުންސިލާއި، ކަމާއިބެހޭ މުއައްސަސާތައް މެދުވެރިކޮށް ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

އަދި ހުޅުމާލޭގެ ވަށަގެންވާ ބީޗަކީ ޢާއްމުރައްޔިތުންގެ ހިތްހަމަޖެހުމާއި، އުފާވެރިކަމަށްޓަކައި ވަގުތު ހޭދަކޮށްލާ ތަނަކަށް ހެދުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިހުރިހާކަމެއް ތަންފީޒުވެ ނިމުމުން ޖަޒީރާ ދިރިއުޅުމުގެ ހިއްފަސޭކަމާއި، އުފާވެރިކަން ރައްޔިތުންނާއި ހަމައަށް ލިބިގެންދާނެކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާ، ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަވާ ބަދަލުތަކުގެ އަމާޒަކީ މިކަންކަން ފުރިހަމަވުމެވެ.