ވިޔަފާރި

ސިންގަޕޯރ އެއަލައިންސްގެ ބޮއިންގ 787 ޑްރީމްލައިނަރގެ ދަތުރުތައް ރާއްޖެއަށް ފަށައިފި


ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު މަތިންދާބޯޓުތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޯރ އެއަލައިންސްގެ ބޮއިންގ 787 ޑްރީމްލައިނަރގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ސިންގަޕޯރ އެއަލައިންސްގެ ބޮއިންގ 787 ޑްރީމްލައިނަރގެ ފުރަތަމަ ފްލައިޓް ރާއްޖެ އައިސްފައިވަނީ ރޭ 22:10 އެއްގައެވެ. މި ބޯޓު ރާއްޖެ އައުމާއެކު އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަރާތުން ވަނީ ވޯޓަރ ސެލިއުޓެއް އަރުވާފައެވެ.

ސިންގަޕޯރ އެއެއަރލައިންސްއިން ރާއްޖެއަށް އަލަށް ދަތުރުފެށި ބޮއިންގ ޑްރީމްލައިނަރއަށް މަރުޙަބާ ކިޔުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޚާއްސަ ހަރަކާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދާއި ސިންގަޕޯރ އެއަލައިންސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސްކެއަރ ޖެނަރަލް މެނޭޖަރ، އަހުމަދު ޒުހުރީ އާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިންގަޕޯރ އެއަލައިންސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސްކެއަރ ޖެނަރަލް މެނޭޖަރ، އަހުމަދު ޒުހުރީ ވިދާޅުވީ ރާއްޖޭގައި އެ އެއަރލައިނުން ދަތުރުކުރުމުގެ މައިގަނޑު މަޤްސަދަކީ ބޭރުގެ އެހެނިހެން ޤައުމުތަކަށް ރާއްޖެ އިޝްތިހާރުކުރުންކަމަށެވެ. އެގޮތުން ވަކި މާކެޓްތަކަށް އަމާޒުކޮށްގެން ރާއްޖެ އިޝްތިހާރުކުރުމަށް ހަމަޖެހިފައިވާކަމަށް އެނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞޯލިޙް ވިދާޅުވީ ސިންގަޕޯރ އެއަރލައިންސްއަކީ ޔޫރަޕިއަން މާކެޓުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށި އެންމެ ފުރަތަމަ އެއަރލައިންކަމަށެވެ. އެހެންކަމުން ސިންގަޕޯރ އެއަރލައިންގެ ޑްރީމްލައިނަރގެ ދަތުރުތައް ރާއްޖެ ފެށުމަކީ ރާއްޖެއަށް ލިބޭ ކުރިއެރުމެއްކަމަށް މޫސާ ޞޯލިޙް ފާހަގަކުރެއްވިއެވެ.

ސިންގަޕޯރ އެއަލައިންސްގެ ޑްރީމްލައިނަރ މަތިންދާބޯޓަށް ބަލާލާއިރު، ބިޒްނަސް ކްލާހުގައި ޖާގަ ތަނަވަސް 30 ކެބިން ހިމެނެއެވެ. އިކޮނޮމީ ކްލާހަށް ބަލާއިރު އިކޮނޮމިކް ކްލާހުން ވެސް ރަނގަޅު ފެންވަރުގެ ޚިދުމަތްތައް ލިބެން ހުރެއެވެ.

ސިންގަޕޯރ އެއަރލައިންސްއިން ބުނީ ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އެ އެރލައިންއިން އޮޕަރޭޓްކުރާ ފްލައިޓްތަކުގެ ތެރެއިން އެސް.ކިއު 452 އަދި އެސް.ކިއު 451 ގައި ކުރިއަށްއޮތްތަނުގައި ބޭނުންކުރާނީ ބޮއެންގ 787 ޑްރީމްލައިނަރކަމަށެވެ.

ސިންގަޕޯރ އެއަރަލައިންސްއިން ރާއްޖެ ފުރަތަމަ ދަތުރުފަށާފައި ވަނީ 1984 ވަނަ އަހަރުއެވެ. ސިންގަޕޯރ އެއަރލައިންސްގެ އިތުރުން، ސިންގަޕޯރގެ އެއަރލައިންތައްކަމަށްވާ ސިލްކް އެއަރ އަދި ފްލައި ސްކޫޓުންވެސް ރާއްޖެއަށް ދަތުރުތައް ބާއްވައެވެ.